ހިޔާ، ހިޔަލަކަށް ނުވެ ބިރަކަށް ވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިޔާގެ ޓަވަރުތައް -- ފޮޓޯ: ރައްޔިތުންގެ ނޫސް
ރާއްޖޭގައި މިހާތަނަށް ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢަކީ، ހިޔާ މަޝްރޫއެވެ. 16 ޓަވަރެއްގައި ހަތްހާހެއްހައި ފްލެޓް ހުރި އިރު އެތަންތަނުގައި ދިރިއުޅޭ މީހުންގެ ސީދާ އަދަދެއް އެނގެން ނެތަސް އެއަދަދު 30،000ވުރެ މަދު ނުވާނެކަން އަންދާޒާކުރެވެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި މަދުވެގެން 2000ވުރެ ގިނަ މީހުން ދިރިއުޅޭއިރު، އެތަނުގައި އުފެދި ބޮޑުވަމުން އަންނަ އިޖުތިމާޢީ މައްސަލަތަކާއި ނުރައްކާތަކުގެ ބިރުވެރި ސިގްނަލަކީ މިހާރުވެސް ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ހިޔާގެ ދިރިއުޅޭ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ އެންމެ ބޮޑު މައްސަލައަކީ، ދޭތެރެ ދޭތެރެއިން ހިޔާގެ ޓަވަރުތަކުގައި ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތަކެވެ.
ހިޔާގެ ޓަވަރުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު، އެއިން ކޮންމެ ހާދިސާއެއްވެސް ހިނގަން މެދުވެރިވުމުގެ އަަސްލަކަށް ވެފައި އޮތީ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ނުރަނގަޅު އާދަތަކެވެ. ޚާއްޞަކޮށް ކުނިމެނޭޖު ކުރުމަށް ހަދާފައިވާ އުޞޫލުތަކާއި ޚިލާފަށް ޢަމަލު ކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ބެލުންތެރިކަން ކުޑަކަމެވެ.
ހިޔާގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާއަކީ، މިނިމުނު ހަފްތާގެ ހުކުރު ދުވަހު ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެހާދިސާއިން ބަޔާންކޮށްދެނީ ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން ނުރައްކަލަށް ހުށައެޅިފައި އޮތް މިންވަރެވެ. އެއީ އިންޒާރުގެ ރަނގަބީލެކެވެ.
ހުކުރު ދުވަހުގެ ހަވީރު، ހިޔާގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގީ ވައިގޮޅިއެއްގެ ތެރޭގައެވެ. އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް ނޭނގެއެވެ. ލަފާކުރެވޭ ގޮތުގައި އަލިފާން ރޯވީ އެކުޑަ ވައިގޮޅިތެރޭގައި ހަރުކޮށްފައި ހުރި އެތައް ބައިވަރު އޭސީ އައުޓްޑޯރ ޔުނިޓްތަކުގެ ތެރެއިން ޔުނިޓެއްގައެވެ. ކަމާއި ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އަލިފާން ރޯވީ، 6 ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ އާއި ދެމެދުގައި ހަރުކޮށްފައި ހުރި އޭސީ އަައުޓްޑޯރ ޔުނިޓެއްގައި ކަމަށްވުން އެކަށީގެންވެއެވެ.

ހިޔާގެ އެޓަވަރުގައި ދިރިއުޅޭ ބައެއް މީހުން ލަފާކުރާ ގޮތުގައި އަލިފާން ރޯވާން ދިމާވި ސަބަބަކީ، ކޮންމެވެސް އެޕާޓްމަންޓެއްގެ ފާޚާނާގެ ތެރޭގައި ސިނގިރޭޓް ބޮއެފައި މީހަކު ވައިގޮޅިއެއްގެ ތެރެއަށް ސިނގިރެޓް ބަޓެއް ނުނިވައި އެއްލާލުމެވެ.
"އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވުމަށް ވުރެ އަހަރެންނަށް ހަމަ ލަފާކުރެވެނީ، އެރޯވީ ސިނގިރޭޓް ބުރިއެއް ވައްޓާލައިގެން ކަމަށް. މުޅި ވައިގޮޅިތެރެއަށް އޮންނަނީ ކުނި އަޅާފައި. މަތިން އުކާ ނެޕީއާ ޕެޑާއި އަންނައުނާއި ތުވާއްޔާއި އެއްޗެހި ތިރީ އައުޓްޑޯރ ޔުނިޓްތައް މަތީގައިވެސް ހުރޭ ހަރުލައި ދުވަސްވެ ހިކި ދަރަށް ވެފައި. އެވަރަށް ސިނގިރެޓް ފިލްޓަރު އުކާފައި ހުރޭ. އެހެންވީމާ ހަމަ ޔަޤީނާގާތަށް ބުނެވޭނީ މީހަކު ނުނިވައި ވައްޓާލި ސިނގިރޭޓް ފިލްޓަރަކުން އޭސީއައުޓްޑޯ ޔުނިޓެއްގެ މަތީގައި ހަރުލާފައި ހުރި ކުނިތަކެއްގައި ރޯވީކަމަށް." ހިޔާގެ 5 ވަނަ ޓަވަރުގައި ދިރިއުޅޭ މީހަކު އޭނާ ދެކޭ ގޮތް މިނޫހާއި ހިއްސާކުރިއެވެ.

އަލިފާނުގެ އެހާދިސާގެ ސަބަބުން ހިޔާގެ 5 ވަނަ ޓަވަރުުގެ އެކި ފްލޯތަކުގެ 6 ވަނަ އަދި 6 ވަނަ އެޕާޓްމަންޓްގެ ފާޚާނާ ވައިގޮޅީގެ ދޮރުގެ ބިއްލޫރިތައް ތަޅައިގެންގޮސް، ނަރުދަމާގެ ހޮޅިތައް ވިރި ހަލާކުވިއެވެ. މިއީ 25 ބުރީގެ އެ އުސް އިމާރާތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
މިހާދިސާގެ ސަބަބުން 30 އެޕާޓްމެންޓެއްގައި ދިރިއުޅޭ 140ވުރެ ގިނަ މީހުންނަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދޭން ޖެހިފައެވެ.
ހިޔާގެ 5 ވަނަ ޓަވަރަށް އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ. އެހެން ނަމަވެސް އެމަސައްކަތް ނިންމާލުމަށް ހަފްތާއެއްހައި ދުވަސް ހޭދަވާނޭ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.
ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، މީހުންގެ ކިބައިގައި ހުންނަ ނުރަނގަޅު އާދަތަކުގެ ސަބަބުން ކުރިމަތިވާ އަލިފާނުގެ ހާދިސާތަކެވެ. ބެލްކަނީގައި ހުރެ ސިނގިރޭޓް ބޮއެފައި އެއްލާލާ ސިނގިރެޓް ބުރިން އެހެން އެޕާޓްމަންޓްތަކުގެ ބެލްކަނީގަޔާއި ކޮޓަރިތަކުގައި ރޯވުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން ހިޔާގައި ދިރިއުޅޭ ފަރާތްތަކުން މިއީ ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ކަމެކެވެ.
ހިޔާގެ ޓަވަރުތަކަކީ، ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރެވިފައިވާމ އާއްމުން ދިރިއުޅޭ އެންމެ އުސް އިމާރާތެވެ. އެހެން ނަމަވެސް އެ އިމާރާތްތަކުގައި ހިނގައިފާނެ އަލިފާނުގެ ހާދިސާއަކަށް އިޖާބަ ދިނުމުގެ ޤާބިލްކަން ކަމާއި ބެހޭ ފަރާތްތަކުގައި ނެތްކަން، 3 މެއި 2025ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވިއެވެ.
"މިސާލަކަށް ވަރަށް އުސް ޢިމާރާތްތައް އެބަހުރޭ ފަންސަވީސް ބުރިއަށް އަރާ، މިއިންތަނެއްގައި ކަމެއް ހިނގައިފިއްޔާ، އިރާދަކުރެއްވިއްޔާ ނުހިނގާނެ. އަޅުގަނޑުމެންގެ ދުޢާއަކީ އެއީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނެތް، ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ. އެމްއެންޑީއެފްގައި މިއަދާއި ހަމައަށް ނެތް. ދެން ހަމަ މިގޮތަށް ބަލަންޏާ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް، ވަރަށް ބޮޑަށް އަޕްގްރޭޑް ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ޤާބިލްކަން އިތުރު ކުރެވުނު މިންވަރުގެ ތަފްސީލެއް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ، 25 ބުރީގެ އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލްކަން ނެތްކަން އެނގިތިބެ އެކަމަށް ލޯމަރާައިގެން ތިބުމަކީ، ރައްޔިތުންގެ ފުރާނަޔާއި މުދާ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިގެން ތިބުން ކަމެވެ. ހިޔާގައި ޤާއިމްކޮށްފައި ހުރި އަލިފާން ނިވާ ނިޒާމްތައްވެސް ނުބެލެހެއްޓޭ ކަމެވެ. ފަޔަރހައިޑްރަންޓް ހޮޅިތަކުގެ ވޭލްތަކުގެ ހޮޅިތަކުގެ ފެންދޫކުރުމަށް އަނބުރާލަން ހުންނަ ލޮއިން ހަދާފައިވާ ބުރުތައްވެސް ގިނަ ޓަވަރުތަކުގައި ހުރީ ނައްޓައި ވަގަށް ނަގާފައިކަމެވެ.
ހުކުރު ދުވަހުގެ އަލިފާނުގެ ހާދިސާއަކީ އިންޒާރުގެ ރަނގަބީލެކެވެ. ކަމާއި ބެހޭ ފަރާތްތަކުން ތައްޔާރުވުމަށާއި، ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ހޭލުންތެރިވުމަށް ލިބުނު މެސެޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް