ފުލުހުންގެ އަސާސީ ތަމްރީން ކޯސް 140 ފުލުހުން ފުރިހަމަކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރުގެ ފެބުރުއަރީ މަހުފެށި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސްފުރިހަމަކޮށް 140 ފުލުހުން ދަސްވެނިވެއްޖެއެވެ.
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، 26 ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
ކޮމިޝަނާސް އެކްސެލެންސް އެވޯޑު ހޯދައި، ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެއްގެ މަޤާމް ޙާސިލްކުރީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.
ފުލުހުން އަސާސީ ތަމްރީނު ކޯހަކީ، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އިލްމީ އަދި ފަންނީ ހުނަރުތަކުގެ އިތުރުން، އަހުލާގީ ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ކޯސް ފުރިހަމަކުރި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް