Post banner
ރާއްޖެ

ތިން މިނިސްޓްރީގައި ރޯކޮށްލީ ކަމަށް ރައީސް ޔާމީނު ތުހުމަތު ކުރެއްވި މައްސަލަ ބަލަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތިން މިނިސްޓްރީގައި ރޯކޮށްލީ ކަމަށް ރައީސް ޔާމީނު ތުހުމަތު ކުރެއްވި މައްސަލަ ބަލަނީ

ގްރީން ބިލްޑިންގ އާއެކު، ސަރުކާރުގެ ތިން މިނިސްޓްރީއަކާއި ދެ އިދާރާއެއް އަނދައިގެން ދިޔަ ހާދިސާ އަކީ، ގަސްދުގައި ކުރި ކަމެއް ކަމަށާއި، އެކަން ކުރި ފަރާތްތައް ފުލުހުންނަށް އެނގޭ ކަމުގައި ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަޙްޤީޤު ކުރަން ހޯމް މިނިސްޓަރު އަންގަވައިފިއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައި ވާތީ، މައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައި ވާކަމަށެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވާނީ ދަންނަވާފައި ކަމުގައި މިނިސްޓަރ އިޙްސާން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެހާދިސާގެ ވަށައިގެން ހުރި ކަންކަމަށް ބަލާއިރު، ސިޔާސީ ފަރާތްތަކުންނާއި އާއްމުންގެ ތެރެއިންވެސް ބައެއް މީހުން ތުހުމަތު ކުރަނީ، އެއީ އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ނޫންކަމަށާއި، ދުރާލައި ރާވައިގެން ބަޔަކު ނުވަތަ މީހަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

އަލިފާނުގެ އެބޮޑު ހާދިސާގައި، ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން، އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އާއި، މާލޭ ސިޓީ ކައުންސިލްގެ އާބާދީއާއި ބެހޭ ބައި އަނދައިގެން ދިޔައެވެ. އެހާދިސާ ހިނގީ 12 ޑިސެމްބަރު 2024 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް