ޤާނޫނީ ޝަޚްސެއްކަން ކަށަވަރު ނުވާކަމަށް ބުނެ ރައްޔިތުންގެ ނޫހަށް މައުލޫމާތުދޭން ރައީސް އޮފީހުން ދެކޮޅުހަދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: ރައްޔިތުންގެ ނޫސް
މިސަރުކާރަށް ދެއަހަރާބައި ވީ އިރު 2645 މަޝްރޫއު ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާތީ، އެމަޝްރޫއުތަކުގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ ނޫހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައެޅުމުން އެ މައުލޫމާތު ދޭން އެއޮފީހުން ދެކޮޅު ހަދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުންގެ ނޫހުން އާރްޓީއައި ހުށައަޅާފައިވަނީ މަޝްރޫއުތަކާއި އެމަޝްރޫއުތައް ހިންގާ ނުވަތަ ހިންގާފައިވާ ތަންތަނާއި އެމަޝްރޫއުތައް ނިމިފައިވާކަން ނުވަތަ ނޫންކަން އެނގޭ ގޮތަށް ޙިއްޞާކޮށްދިނުމަށެވެ. އެމައުލޫމާތު ޙިއްޞާކުރުމަށް ދެކޮޅުހަދައި ރައީސް އޮފީހުން ބުނެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށް ދެވޭނީ ތަބީޢީ ޝަޚްސެއް ނުވަތަ ޤާނޫނީ ޝަޚްސަކަށް ކަމަށެވެ. އަދި އެ އޮފީހުން ބެލި ބެލުމުން ރައްޔިތުންގެ ނޫހަކީ ޤާނޫނީ ޝަޚްސެއްކަން އެއޮފީހަށް ކަށަވަރު ނުވާތީ މައުލޫމާތު ފޯރުކޮށް ދެވެން ނެތްކަމުގައި އެއޮފީހުން ވަނީ ބުނެފައެވެ.
މިސަރުކާރުން މިހާތަނަށް 590 މަޝްރޫއު ހިންގައި ނިންމައިފައިވާކަމަށް ރައީސުލްޖުމްހޫރިއްްޔާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެމަޝްރޫއުތަކަކީ ކޮބައިކަމެއް އަދި އެމަޝްރޫއުތައް ހިންގީ ކޮންރަށްރަށަކު ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މިސަރުކާރު ވެރިކަމަށް އައިރު، ރައީސް ޔާމީންގެ ސަރުކާރުންފެށިގެން، މަޝްރޫޢުތަކުގެ މައުލޫމާތު އާއްމުކޮށް ފެންނާނެހެން، އައިލްސްގެ ނަމުގައި ވެބްސައިޓެއް ޤާއިމްކޮށްފައި އޮތެވެ. އެ ވެބްސައިޓް ޑައުންކޮށް މަޝްރޫޢުތަކުގެ މައުލޫމާތު އާއްމުކޮށް ހާމަކުރުން ހުއްޓާލީ 2024 ވަނަ އަހަރުގެ ކުރީކޮޅު މިސަރުކާރުންނެވެ.
ރައްޔިތުންގެ ނޫހަކީ، މިސަރުކާރުގައި ފާސްކުރި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްދިން ނޫހެވެ. ރައްޔިތުންގެ ނޫސް ރަޖިސްޓްރީކޮށްދީ ރަޖިސްޓްރީ ސެޓްފިކެޓް ރައްްޔިތުންގެ ނޫހަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަވާލުކޮށްފައި ވަނީ މިއަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.
ރައްޔިތުންގެ ނޫހަކީ، ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ރަސްމީ ވަޓްސްއެޕް ގުރޫޕުގައިވެސް ރައްޔިތުންގެ ނޫހުގެ ނޫސްވެރިން ބައިވެރިކޮށްފައި ވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ރައްޔިތުންގެ ނޫހުގެ ފަރާތުން ބައިވެރިވެފައި ވެއެވެ.
ރައްޔިތުންގެ ނޫހަކީ، ސަރުކާރުގެ ނުވަތަ އެއްވެސް ސިޔާސީ ފަރާތެއް މާލީ ނުވަތަ އެނޫންވެސް އެހީއެއް ނެތި ހިންގާ މިނިވަން ނޫހެކެވެ. ރާއްޖޭގެ 42 ރަށަށްވުރެ ގިނަ ރަށްރަށުގައި މިހާރުވެސް ރައްޔިތުންގެ ނޫހަށް ޚަބަރާއި މައުލޫމާތު ފޯރުކޮށް ދިނުމަށް ރަށުރިޕޯޓަރުން ހަރަކާތްތެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް