ޑރ. ސަލްމާ އާއި މުންދު މަޤާމުން ވަކިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑރ. ސަލްމާ ރަޝީދާއި، މުޙައްމަދު ޙުސައިން ޝަރީފް ---
ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެބޭފުޅުން ޢައްޔަނުކުރައްވާފައިވާ މަޤާމުތަކުން މިއަދު ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ދެބޭފުޅުން މަޤާމުން ވަކިކުރެއްވިކަން، ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވަނީ "ރައްޔިތުންގެ ނޫހަށް" ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް އެ ދެބޭފުޅުން މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާ ރަޝީދަކީ، އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިންމެވުން ނިންމަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު ރައީސް މުޢިއްޒަށް ފާޑު ވިދާޅުވެ އަދި، ޕީއެންސީއަށް ވޯޓު ދިނުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައި އެމައްސަލަ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ތެރޭގައި ގޯސްވެފައި ވަނިކޮށެވެ.
ހޮނިހިރު ދުވަހު ބޭއްވި، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް