ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ހުއްޓައެއް ނުލައްވާ: ހީނާ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ނޫސްވެރިންނާއި އެކު ބޭއްވެވުމަށް ނިންމަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓަވައި ނުލައްވާ ކަމަށާއި، ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާނެ ކަމުގައި އިޢުލާނު ކުރައްވާފައި ވާއިރު، މިއަދު އެ ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ އެކަމާއި ގުޅިގެން ބައެއް މީޑިއާތަކުން އެކި ގޮތަށް ވާހަކަތައް ފަތުރާފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ހީނާކުރެއްވި ޕޯސްޓުގައި ވަނީ، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.
ހީނާ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ނޫސްވެރިންނަށާއި މީޑިއާތަކަށް އަންގަމުން ގެންދާނެ ކަމަށެވެ.
"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިން ކުރިޔަށް ގެންދިޔަ ބައެއް ޕްރޮގްރާމްތައް މިހާރު ވަނީ ހުއްޓައިލައްވާފައެވެ. އޭގެ ތެރޭގައި އަހާފޯރަމް އަދި ރައީސްގެ ޖަވާބާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮޑްކާސްޓްވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައި ވަނީ، ހުސްވި މާރިޗުމަހުގެ 30 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް