ރާއްޖެ

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ ރަސްމީނަތީޖާތައް ޢިއުލާނުކޮށް ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ ރަސްމީނަތީޖާތައް ޢިއުލާނުކޮށް ނިންމައިފި

މި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިރޭ އިޢުލާނުކޮށް ނިންމައިފިއެވެ.

އިންތިޚާބާއި ބެހޭ އާއްމު ޤާނޫނުގައި ބުނާގޮތުން، ރަސްމީ ނަތީޖާތައް ހޮނިހިރު ދުވަހުގެ ކުރިން އިޢުލާނުކޮށް ނިންމަން ޖެހޭނެއެވެ. އެހެން ނަމަވެސް މުއްދަތަށްވުރެ ދެ ދުވަސްކުރިން ކޮމިޝަނުން މިރޭ ވަނީ ހުރިހާ ރަސްމީ ނަތީޖާތަކެއް އިޢުލާނުކޮށް ނިންމާފައެވެ.

ނިމިގެން ދިޔަ އިންތިޚާބުތަކުގެ ތެރެއިން، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން އިންތިޚާބުގެ ދެވަނަބުރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގައެވެ.

މިގޮތުން އެދުވަހު ފަސްދާއިރާއެއްގައި ދެވަނަ ބުރު ބާއްވަންޖެއެވެ. އެއީ ދެ ކައުންސިލެއްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން 3 ކޮމިޓީއެއްގެ ގޮނޑިތަކުގެ އިންތިޚާބެވެ.

ނަތީޖާ އެއްވަރުވެ ދެވަނަ ބުރެއް ބާއްވަނީ، ހއ ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރެއްވި، މަހުދިއްޔާ އާދަމް އާއި ހައްވާ ފަޒުނާގެ މެދުގަޔާއި، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރެއްވި، ފާޠިމަތު ރިއުޒާ އާއި ފާތިމަތު ނިޝާދާގެ މެދުގަޔާއި، ލ މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރެއްވި ފާޠިމަތު ޝާފިޔާ އާއި މަރްޔަމް މާޢިޝާގެ މެދުގައެވެ.

ދެން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ، ކައުންސިލް ތަކުގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކުން ވޯޓު އެއްވަރުވެފައިވާ ދެ ދާއިރާއެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ވާދަކުރެއްވި، އައިޝަތުމުނާ އާއި އާމިނަތު ރަފާޙްގެ މެދުގަޔާއި، ފުވައްމުލައްސިޓީ ދަނޑިމަގު ދާއިރާގެ ގޮނޑި (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)އަށް ވާދަކުރެއްވި އާއިޝަތު ޢަބްދުލް ޣަފޫރާއި ޝީޒާ އިބްރާހީމްގެ މެދުގައެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ބޮޑެތި ސިޓީކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދި އިރު، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީއިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް