ގޯއްޗާއި ފްލެޓްގެ ވައްކަމުގެ ތުހުމަތު ކުރެވުނު ޑެޕިއުޓީ މިނިސްޓަރު ވަކިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުން ވަކިކުރި، މުހައްމަދު ޔާސީން ----
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމުގައި ބުނެ އާއްމުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި ކަމުގެ ތުހުމަތު ކުރެވޭ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާކަން، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް ރަސްމީގޮތުން އެނާގެ މައްސަލަ ތަޙްޤީޤުކުރަމުންދާކަމެއް ނުވަތަ ނޫންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ވަނީ، އާއްމުންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަތުންނާއި، އަދި ފަނޑިޔާރުންގެ އަތުންވެސް، އުސޫލުން ބޭރުން ފްލެޓާއި ގޯތި ހޯދައި ދޭނެކަމަށް ބުނެ އެތައް މިލިޔަން ރުފިޔާއެއް ނަގާފައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. ފައިސާ ނަގައިގެން އުސޫލުން ބޭރުން މީހުންނަށް ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ހިންގި މިސްކޭމްގައި ސަރުކާރުގެ ވުޒާރާތަކުގައި ތިބި ބައެއް މީހުންވެސް ބައިވެރިވެފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން އެފްޑީސީގެ ފްލެޓްތައް ދޫކުރުމުގައި، 75000ރ ނަގައިގެން ބައެއް މީހުންނަށް އުސޫލުން ބޭރުން ފްލެޓް ދީފައިވާކަމުގައިވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ބޯހިޔާވަހިކަމުގެ ސްކީމްތަކާއި ގުޅުވައިގެން، މިފަދަ ސްކޭމްތަކާއި، ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކަންކަން ހިނގަމުން އައި ނަމަވެސް އެކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. އެޗްޑީސީގެ ތެރެއިން ހިނގި ގޯތިވައްކަމާއި ގުޅިގެންވެސް އެކަމުގައި ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ފިޔަވަޅު އަޅައި އަދަބެއް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް