Post banner
ރާއްޖެ

ސިފައިންގެ ޑައިވަރަކު ނިޔާވި އިރު، ގެއްލުނު މީހުންގެ ހަށިތައް ހޯދަން ސިފައިން ޑައިވްކުރަމުން ދިޔައީއެކަމަށް އެކަށޭނަ ވަޞީލަތްތައްނެތި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިފައިންގެ ޑައިވަރަކު ނިޔާވި އިރު، ގެއްލުނު މީހުންގެ ހަށިތައް ހޯދަން ސިފައިން ޑައިވްކުރަމުން ދިޔައީއެކަމަށް އެކަށޭނަ ވަޞީލަތްތައްނެތި

މިއަދުގެ ހާދިސާގައި ނިޔާވި، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް އެމްއެންޑީއެފްގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ --- ފޮޓޯ: ރައީސް އޮފީސް

ބުރާސްފަތި ދުވަހު، އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައަކަށް ޑައިވް ކުރުމުގެ ތެރޭގައި ގެއްލުނު 4 ޑައިވަރުންގެ ހަށިތައް ހޯދުމަށް، އެސަރަހައްދަށް ސިފައިން ޑައިވްކުރުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވި އިރު، ސިފައިން ޑައިވްކުރަމުން ދިޔައީ އެފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ތަމްރީނާއި އާލާތްތައް ނެތިކަން ހާމަވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ސިފައިންގެ ޑައިވަރުން ފީނުމަށް ތަމްރީންވެފައި ތިބީ، 50 މީޓަރަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިތިބެނީ ޓެކްނިކަލް ޑައިވިންއަށް އަދި މުޅިޔަކުން ތައްޔާރުވެފައެކޭ ނުދެންނެވޭނެ. އަޅުގަނޑުމެންގެ ޑައިވާސް މިހާރު ކޮލިފައި ވެފައި މިތިބެނީ 50 މީޓަރަށް" ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބޭނުންވާ ތަކެއްޗާއި އާލާތްތައް ލިބި މިއަހަރުގެ ތެރޭގައި ސިފައިންގެ ޑައިވަރުންނަށް 100 މީޓަރ އާއި ހިސާބަށް ޓެކްނިކަލް ޑައިވްކުރެވޭ މިންވަރަށް ތަމްރީން ކުރެވޭނެ ކަމަށެވެ. އަދި އެޕްރޮގްރާމްގެ ދެވަނަ ފޭސް މި މެއިމަހު ކުރިޔަށް ގެންދެވޭނެ ކަމަށާއި، އަހަރު ނިމޭއިރު އެޤާބިލްކަން އިތުރުކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ވ. އަލިމަތާ ކައިރީގައި ހުންނަ 58 މީޓަރު ފުނުގައިވާ ހޮހަޅައަށް ސިފައިން ޑައިވް ކުރަމުން ދަނީ ސިފައިންގެ ޑައިވަރުންގެސް ރިސްކަށް ހުށައަޅައިގެން ކަމުގައި ސަލީމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން (ޑައިވް) މިކުރަނީ ނޯމަލް އެއާގައި. ދެން އަޅުގަނޑުމެންގެ ޑައިވަރުންވެސް ކޮންމެވެސް ވަރަކަށް ރިސްކަކަށް ލައިގެން އަޅުގަނޑުމެން ކުރާ ޑައިވްތަކެއް މިހާރު މިކުރާ ޑައިވްތަކަކީ. ނޯމަލް އެއާގައި އަޅުގަނޑުމެންވެސް މިކުރަނީ. އާއްމުކޮށް މިކަހަލަ އޮޕަރޭޝަންސް ތަކުގައި ބޭނުން ކުރާކަހަލަ ޓެކްނިކަލް ލެވެލްގެ އިކުއިޕްމެންޓް ބޭނުންކޮށްގެނެއް ނޫން." ސަލީމް ވިދާޅުވިއެވެ.

ކަނޑުގެ 60 މީޓަރު އަޑިއަށް ކުރާ ޓެކްނިކަލް ޑައިވްތަކުގައި ނޯމަލް އެއާ ބޭނުން ކުރުމަކީ، ވަރަށް ބޮޑު ނުރައްކަލެއްކަން، ޑައިވިންގެ ދާއިރާގެ ތަޖުރިބާކާރުން ކުރިންވެސް ވަނީ އިންޒާރުކޮށްފައެވެ.

މިއަދު ސިފައިންގެ މީހަކު ނިޔާވި ހާދިސާ ފަދަ ހާދިސާއެއް ހިނގައިފާނެކަމުގެ އިންޒާރާއި އެކު ޑައިވިންގ ދާއިރާގެ ތަޖުރިބާ ހުރި، ނީލް އަޙްމަދު އިއްޔެ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ، ގެއްލުނު ޑައިވަރުން ހޯދުމަށް އެހެން ޑައިވަރުންގެ ފުރާނަ ނުރައްކަލަށް ހުށަނޭޅުމަށްވެސް ގޮވާލާފައެވެ. ޚާއްސަކޮށް އެކަމުގެ އެންމެ ބޮޑު ނުރައްކަލަކީ، އެހާފުނަށް ފީނުމުގެ ޤާބިލްކަން ސިފައިންގެ ޑައިވަރުންގެ ކިބައިގައި ނެތުންކަންވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް