ތިން މީހުން ގެއްލުނު ހާދިސާ އާއި ގުޅިގެން ކުރި ބައެއް ސުވާލުތަކަށް އެމްއެންޑީއެފުން ޖަވާބެއް ނުދިން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، ތ. މަޑިފުއްޓަށް ނިސްބަތްވާ ފްރެންޑް 4 ދޯނި ދިޔަވެ އަޑިޔަށް ދަނިކޮށް އެދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ދޯނި ބަންޑުންޖަހާލައި، ތިން މީހުން ގެއްލުނު ހާދިސާ އާއި ގުޅިގެން ރައްޔިތުންގެ ނޫހުން ކުރި ބައެއް ސުވާލުތަކަށް އެމްއެެންޑީއެފުން ޖަވާބު ނުދީ ދޫކޮށްލައިފިއެވެ.
ރައްޔިތުންގެ ނޫހުން، އެމްއެންޑީއެފަށް ޖުމުލަ 9 ސުވާލެއް ފޮނުވި އިރު، އޭގެ ތެރެއިން އެމްއެންޑީއެފުން ޖަވާބުދިނީ ހަތް ސުވާލަށެވެ. ޖަވާބު ދިން ސުވާލުތަކުގެ ތެެރެއިންވެސް، ދެވަނަ ރެސްކިއުޓީމްގެ އުޅަނދުތައް ފޮނުވި ގަޑި އާއި ޑްރޯން އޮޕަރޭޓްކުރަން ފެށި ގަޑި އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.
މީގެ އިތުރުން ޓްރެކިންގ ޑިވައިސްތައް، ރެސްކިއު އޮފިސަރުންނަށް ހޯދައިދިނުމާއި ގުޅޭ ގޮތުން އެމްއެންޑީއެފަށް ކުރި ދެ ސުވާލަށްވެސް އެމްއެންޑީއެފުން ޖަވާބު ދީފައެއް ނުވެއެވެ.
ރައްޔިތުންގެ ނޫހުން އެމްއެންޑީއެފަށް ހުށައެޅި ސުވާލުތަކާއި އެސުވާލުތަކަށް އެމްއެންޑީއެފުން ދިން ޖަވާބުތައް ތިރީގައި އެވަނީއެވެ.
1- ފްރެންޑް 4 ދޯނި ދިޔަވަމުންދާތީ އެހީތެރިކަމަށް އެދުނީ ކޮންވަގުތަކު ހެއްޔެވެ؟
ޖ: ފްރެންޑް 4 ދޯނި ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ 06 އޯގަސްޓް 2026ގެ 22:37ގައި. ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އެމްއެންޑީއެފްގެ ހާރބަރ ކްރާފްޓަށް ދެވުނު އިރު، ގއ. ވިލިގިނލީ ޕޮލިސް ސްޓޭޝަންގެ ޕޮލިސް ލޯންޗެއް ދިޔައީ ސީންގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުން.
2- ފުރަތަމަ ދިޔަ ޓީމަށް ދޯނި އޮތް ހިސާބަށް ދެވުނީ ކިހާ އިރަކު ހެއްޔެވެ؟
ޖ: ގދ ތިނަދޫން ފުރައިގެން އެމްއެންއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް، ހާލުގައި ޖެހިފައިވާ ދޯނި އޮތް ހިސާބަށް ދެވިފައި ވަނީ 06 އޯގަސްޓް 2026 ވަނަ ދުވަހުގެ ދަންވަރުއެވެ.
3- ފުލުހުންނާއި ސިފައިންގެ އުޅަނދުތަކުގެ އިތުރުން އާއްމު އުޅަނދެއް އެ ސީންގައި ހަރަކާތްތެރި ވިހެއްޔެވެ؟
ޖ: ހަރަކާތްތެރި ވިއިއެވެ.
4- އާއްމު އުޅަނދެއް ހަރަކާތްތެރިވި ނަމަ އެ އުޅަނދުގެ ނަމަކީ ކޮބައިހެއްޔެވެ؟ އަދި އެއުޅަނދު އަދާކުރި ދައުރަކީ ކޮބައިހެއްޔެވެ؟
ޖ: އޭޑީކޭ އުލާނި ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓް އުޅަނދެކެވެ. މި އުޅަނދު އެސަރަހައްދަށް ފޮނުވާފައި ވަނީ، އުޅަނދު ކަފު ޖެހުމަށްޓަކައި ދޯނީގެ ވެރިފަރާތުންނެވެ.
5- ފްރެންޑް 4 ދޯނި އަޑިޔަށް ގޮސް 3 މީހުން ގެއްލުނު ހާދިސާ ހިނގި ވަގުތަކީ ކޮބައި ހެއްޔެވެ؟
ޖ: 06 އޯގަސްޓް 2026 ވަނަ ދުވަހުގެރޭ ރޭގަނޑު 1:26 ހާއިރުގައެވެ.
6- ދޯނި އަޑިޔަށްގޮސް ގެއްލުނު ހާދިސާއަށްފަހު، އެމްއެންޑީއެފްގެ އިތުރު އުޅަނދުތައް އެސަރަހައްދަށް ފޮނުވީ ކޮން ގަޑިއެއްގައި ހެއްޔެވެ؟
ޖ: 06 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ ދަންވަރު ކޯސްޓް ގާޑުގެ 2 ސީއެންބިއުލާން، 2 ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް އަދި ކޯސްޓްގާޑް ޝިޕް އިމާދުއްދީން ސީންއަށް ފޮނުވުނެވެ.
7- މީހުން ހޯދުމަށް ޑްރޯން އޮޕަރޭޓް ކުރަން ފެށީ ކޮން ވަގުތަކުން ފެށިގެން ހެއްޔެވެ؟
ޖ: 06 އޯގަސްޓް 2026ގެ މެންދަމުން ފެށިގެންނެވެ.
އެމްއެންޑީއެފުން ޖަވާބެއް ނުދިން ސުވާލުތައް:
8- ކޯސްޓް ގާޑުގެ ސިފައިން ބޭނުންކުރާ ލައިފް ޖެކެޓްގައި ޓްރެކިން ޑިވައިސް ހަރުކޮށްފައި ނުހުންނަނީ ކީއްވެ ހެއްޔެވެ؟
9- ކޯސްޓްގާޑުގެ ފަރާތުން ޓްރެކިން ޑިވައިސް ހޯދައި ދިނުމަށް އެދިފައިވޭ ހެއްޔެވެ؟
ފްރެޑް 4 ދޯނި ބަންޑުން ޖަހާލައި އަޑިޔަށް ދިޔަ ހާދިސާގައި ގެއްލިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު)އެވެ.
އެމީހުން ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގައި އެއިން އެއްވެސް މީހަކުވެސް އުޅަނދުވެސް ފެނިފައެއް ނުވެއެވެ. މީހުން ހޯދުމަށް ބޭރުގެ ފަންނީ އެހީއަށް އެދިފައިވާ ކަމަށް ބުނުން ފިޔަވައި އެކަމާއި ގުޅޭ ގޮތުންވެސް ސަރުކާރުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް