ރޭގެ ހާދިސާގައި ސިނަމާލެ ބުރިޖަށް ސްޓްރަކްޗަރ ގެއްލުމެއް ލިބިފައެއް ނުވޭ: މިނިސްޓަރ ޑރ. މުައްޠަލިބު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަ މާލެ ބުރިޖަށް ލިބުނު ގެއްލުންތައް ބަލަނީ ---
މީގެ ހަތަރު މަސްކުރިން ރާއްޖެއަށް ވަގަށް ވަދެ ބަނދަރުކޮށްފައި އޮއްވައި ފެނިގެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް، ދެ ތެޔޮޓޭންކަރު ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބުރިޖުގައި ޖެހުނު ހާދިސާގައި، ބުރިޖުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ލިބިފައި ނުވާކަމުގައި، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަރން ޑިވެލޮޕްމެންޓް ޑރ. ޢަބްދުއްﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، އެހާދިސާ ހިނގުމާއި އެކު، ބުރިޖުގެ މެއިންޓަނަންސް ކަންތައްތައް ބަލަހައްޓާ ކުންފުނިން ބުރިޖަށް ލިބުނު ގެއްލުންތައް ބަލާފައިވާ ކަމަށެވެ. އަދި ބުރިޖުގެ ސުޕަރ ސްޓަރަކްޗަރގައި ކޫރުން އެޅުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާކަމުގައި މިނިސްޓަރ ޑރ. މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
ރޭ އޮޔާދިޔަ އެ ދެ ތެޔޮޓޭންކަރު އެންމެ ފުރަތަމަ ލައްވީ، މާލޭ އިރު އުތުރު ފަރާތުން ސިޓްރޮން ކައިރިން ތޮށި މައްޗަށެވެ. އެސަރަހައްދުގައި ބޯޓު ޖެހިފައި އޮތުމަށް ފަހު އޮޔާގޮސް ސިނަމާލެ ބުރިޖުގައި ޖެހުނު އިރު، ބޯޓުގެ ނެވިގޭޝަން ދަނޑިއަކާއި، ދަގަނޑު އެންޓަނާ ބުރިޖުގެ ސުޕަރސްޓްރަކްޗަރގައި ޖެހުނެވެ. ބުރިޖުގައި ޖެހި އެ ދަގަނޑު އެންޓަނާ ބިންދައިގެން ވެއްޓުނުތައް ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން ބޯޓުގެ ކުރީކޮޅު، ބުރިޖުގެ ދަށުން ސުޕަސްޓްރަކްޗާގައިވެސް ޖެހުނު ކަމަށް އެނގިފައި ވެއެވެ.
ރޭ އޮޔާ ދިޔަ ދެ ތެޔޮ ބޯޓަކީ، ރާއްޖެއަށް ވަގަށް ވަނުމުގެ ސަބަބުން ހިފަހައްޓާފައިވާ ދެ ބޯޓަށް ވާއިރު، އެ ދެބޯޓު އެކަށީގެންވާ ގޮތަށް ކަމާއި ބެހޭ އިދާރާތަކުން ބަލަހައްޓަމުން ނުގެންދާކަން މިހާދިސާއިން ވަނީ ހާމަވެފައެވެ. އޭޕްރީލް މަހުގެ 29 ގައި ރާއްޖެއަށް ވަގަށް ވަދެ މާލެ ސަރަހައްދުގައި އޮތް އެ ދެބޯޓުގެ އެއްބޯޓުގެ ނަގިލި ކަނޑައިގެން ގޮސް، ރޭގެ ހާދިސާ ހިނގުމާއި ހަމައަށްވެސް ދެބޯޓުން ބޭނުންކޮށްފައި ވަނީ އެއް ނަގިއްޔެވެ.
ރޭގެ ހާދިސާގައި ބޯޓުތައް ބުރިޖުގައި ޖެހުމަށް ފަހު، ވާދޫ ކަނޑުގެ ތެރެއަށް އޮޔާ ދިޔައިރު، މިހާރު ބޯޓުތައް އޮތްތަނެއް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ބޯޓުތައް ބުރިޖުގައި ޖެހުމާއި އެކު، އެމްއެންޑީއެފުން ވަނީ ބޯޓުތަކުގައި ތިބި މީހުން ސަލާމަތްކޮށް، އެމީހުން ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް