އެމެރިކާއިން އީރާނަށް ހަމަލާދިނުން ވާނީ ސަރަހައްދީ ހަނގުރާމައަކަށް: ޚާމަނާއީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުގެ ރޫޙީ ލީޑަރު، ޢަލީ ޚާމަނާއީ- ފޮޓޯ: އަލްޖަޒީރާ
އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، އެހަނގުރާމަ ވެގެންދާނީ ސަރަހައްދީ ހަނގުރާމައަކަށް ކަމުގައި ވިދާޅުވެ އީރާނުގެ ސްޕްރީމް ލީޑަރ އަލީ ޚާމަނާއީ އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ.
އީރާނާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށައިފި ހާލަތެއްގައި ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އިސްވެ ހަނގުރާމަ ފަށައިފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެންދާނެކަން އެމެރިކާއަށްވެސް އެނގޭނެ ކަމަށެވެ.
ޚާމަނާއި އެމެރިކާއަށް މި އިންޒާރު ދެއްވާފައި ވަނީ، އީރާނުގެ ރޫޙީ ލީޑަރު، އާޔަތުﷲ ރޫޙުއްﷲ ޚުމައިނީ، ފްރާންސްގައި އަރުވާލެވިގެން ހުންނެވުމަށްފަހު އެނބުރި އީރާނަށް ވަޑައިގަތް ދުވަސް ފާހަގަކުރުމުގެ ގޮތުން ތެހެރާނުގައި ބޭއްވި ބޮޑު އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 1979 ވަނަ އަހަރު ޚުމައިނީ ގެންނެވި އިންޤިލާބުގައި އޭރު އެމެރިކާއަށް ވާގިވެރިވަމުން ގެންދެވި ރަސްގެފާނު މުހައްމަދު ރަޒާ ޝާޚް ޕައްލަވީގެ ރަސްކަން ނިމުމަކަށް ގެންނެވިއެވެ.
ދާދިފަހުން އީރާނުގެ ތެރޭގައި ފެށިގެން ދިޔަ މުޒާހަރާތަކާއި ގުޅޭ ގޮތުންވެސް ޚާމަނާއި ވާހަކަފުޅު ދެއްކެވިއެވެ. ހާމަނާއީ ވިދާޅުވީ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން މަދަދުދީގެން އީރާނުގެ ތެރޭގައި ފެއްޓުވި މުޒާހަރާތަކުގެ ބޭނުމަކީ، ބަޣާވާތަކުން އީރާނުގެ ވެރިކަން ވައްޓާލައި، އީރާނުގެ ތެލާއި ގުދުރަތީ މުއްސަނދި ވަސީލަތްތަކުގެ މައްޗަށް އެމެރިކާއިން ވެރިވެގަތުން ކަމަށެވެ.
ހާލަތު މިހާރު އޮތީ އެމެރިކާއިން އީރާނާއި ދެކޮޅަށް ކޮންމެ ވަގުތެއްގައިވެސް ހަނގުރާމަ ފަށައިފާނެ ހާލަތެއްގައި ކަމަށާއި، އެހެން ނަމަވެސް އީރާނުގެ އަސްކަރީ ބާރުވެރިކަމާއި މެދު އެމެރިކާއިން އޮތީ ޖެހިލުން ވެފައި ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް