Post banner
ރާއްޖެ

ރައީސް ނަޝީދަށްޓަކައި އުފެއްދި ދަޑިމޮކްރެޓްސް 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނަޝީދަށްޓަކައި އުފެއްދި ދަޑިމޮކްރެޓްސް 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނިންމައިފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގެ ތެރެއިން --

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ، ރައީސް ނަޝީދަށް ތާއީދުކުރެއްވި ފަރާތްތަކުން އެމަނިކުފާނަށްޓަކައި އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އުވާލުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދަ ޑިމޮކްރެޓްސް އުވާލުމަށް ނިންމީ، ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެޕާޓީއަށް މެމްބަރުން ހަމަކުރެވިފައި ނުވާތީއެވެ. އެހެންވެ އެޕާޓީ އުވާލުމަށާއި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހާމަކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްއަކީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީ ޤަބޫލުފުޅު ނުކުރައްވައި، އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުމަށްފަހު، ރައީސް ނަޝީދަށް ތާޢީދުކުރި އޭރުގެ މަޖިލިސް މެމްބަރުން ގުޅިގެން އުފެއްދި ޕާޓީއެކެވެ. އޭރު ރައީސް ނަޝީދު ތުހުމަތު ކުރެއްވީ، އެމަނިކުފާނު ރިޔާސީ ޕްރައިމަރީން ބަލިވީ، އެމަނިކުފާނަށް ތާއީދު ކުރާ މީހުން ހިމެނޭގޮތުން 39000ވުރެ ގިނަ މީހުން އެމްޑީޕީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އަދި އެއީ ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ކާމިޔާބުވިޔަ ނުދިނުމަށް ރާވައިގެން ކުރިކަމެއްގެ ގޮތުގައި ތުހުމަތު ކުރެއްވިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް އިލްޔާސް ލަބީބު ވާދަކުރެއްވި އިރު އޭނާއަށް ލިބުނީ އެންމެ 15000 ވޯޓެވެ. މީގެ އިތުރުން މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ސައިފް ފާތިހަށްވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްގެ ޓިކެޓްގައި ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ އިތުރުން އެމްޑީޕީދޫކޮށް ދަޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވި، ރައީސް ނަޝީދަށް ތާއީދުކުރެވި ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކަށްވެސް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ބޮޑު ތިން އިންތިޚާބުން އެއްވެސް އިންތިޚާބެއްގައި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބެއް ނުލިބުނު އިރު، އެޕާޓީ ދޫކުރައްވައި ރައީސް ނަޝީދާއި، އެމްޑީޕީދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅުނު ގިނަ މެމްބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާއި ގުޅިފައެވެ. އަދި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާއިރު، ދަ ޑިމޮކްރެޓްސްގެ އާއްމު މެމްބަރުންގެ ގޮތުގައި ތިބި ގިނަ ބަޔަކުވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް