ރާއްޖެ

މާކުރަތުގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާކުރަތުގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް

ރ. މާކުރަތު އިންޖީނުގޭގެ ޕެނަލްބޯޑު -- ފޮޓޯ: ފެނަކަ

ރ. މާކުރަތުގައި ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ޙައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެ ރައްޔިތުންނަށް އެކަމުގެ ގެއްލުންތައް ލިބެމުންދާތީ އެރަށުގެ އާއްމުން އެކަމުގެ ޝަކުވާކޮށްފިއެވެ.

ރައްޔިތުންގެ ނޫހާއި މައުލޫމާތު ހިއްސާކުރި މާކުރަތުގެ ރައްޔިތަކު ބުނީ، އެރަށުގައި ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، 160 ވޯޓަށްވުރެ މަތިން ކަރަންޓް ނުލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން އާއްމުންގެ ގޭގޭގައި އޭސީއާއި ފެންމޯޓަރާއި އަދި ޑީފްރީޒަރފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށާއި، އަދި ރަނގަޅަށް ކަރަންޓް ނުލިބޭތީ ކަރަންޓުން ބޭނުން ކުރާ ތަކެތި ހަލާކުވުމުގެ މައްސަލަވެސް ވަރަށް ބޮޑު ކަމުގައި ރައްޔިތުންގެ ތެރެއިން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި އެމައްސަލަ އެގޮތަށް ދިމާވަމުން އަންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމުގައިވެސް ރައްޔިތުން ވަނީ ބުނެފައެވެ.

މާކުރަތު ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒު ވިދާޅުވީ، އެމައްސަލަ ރައްޔިތުންގެ ފަރާތުންވެސް ކައުންސިލަށް ހުށައެޅެމުން އަންނަ ކަމަށާއި، މައްސަލަ ހައްލުކުރުމަށް ފެނަކަ އާއިވެސް ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އަދި ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެމައްސަލަ އަވަހަށް ހައްލުކޮށްދެވޭތޯ ފެނަކައިންވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި ރަމީޒު ވިދާޅުވިއެވެ.

މާކުރަތު ފެނަކަ އޮފީހުން ވިދާޅުވީ، ކުރީ ސަރުކާރުގައި މާކުރަތުގައި އައު އިންޖީނުގެއެއް އަޅައި ކަރަންޓުގެ ވިޔުގަ ބަދަލުކުރި ފަހުންވެސް ވޯލްޓޭޖު ޑްރޮޕްވުމުގެ މައްސަލަ އައީ ކުރިމަތި ވަމުން ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް 240ގެ ކޭބަލް ފެނަކައިން އެރަށަށް ފޮނުވާފައިވާ ކަމަށާއި، އެކޭބަލް އެޅުމަށް ބަޔަކާއި ހަވާލުކުރި ނަމަވެސް އެކަން އެފަރާތަށް ނުކުރެވުނު ކަމަށެވެ. އެހެންވެ ފެނަކައިގެން މުވައްޒަފުން ގެނެސްގެން އެމައްސަކަތް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމުގައި މާކުރަތު ފެނަކަ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރ. މާކުރަތަކީ، 1403 މީހުންގެ އާބާދީއެއް އޮތް ބިމުގެ ބޮޑުމިހުގައި 50 ހެކްޓަރ ހުންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް