ދިގުރަށު އަލިފާނުގެ ހާދިސާ: ނިޔާވި 5 މީހުންނަކީވެސް ބަނގުލަދޭޝް މީހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ ހިނގި ތަން، ބައެއް މީހުން ސަލާމަތް ވެފައި ވަނީ ފާރުތަޅާލައިގެން -- ވީޑިއޯ ސްކްރީން ޝޮޓް
ރޭ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ހުރިހާ އެންމެންނަކީވެސް ބަނގުލަދޭޝްއަށް ނިސްބަތްވާ ފިރިހެނުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރޭ ހިނގި އަލިފާނުގެ މިހާދިސާގައި ޖުމުލަ 5 މީހަކު ވަނީ ނިޔާވެފައެވެ. އަދި އަލިފާނުގެ މިހާދިސާގައި ފިހިގެން ޒަޚަމްތައް ލިބުނު އިތުރު 2 މީހަކަށް ވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އަލިފާނުގެ މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ދަންވަރު 2:00 ހާއިރުގައެވެ. އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހުން ތިބި ގެއެއްގައެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް