އާއްމުދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް ތެޔޮވިއްކާ އަގު ބޮޑު ނުކުރަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިއުލް ސަޕްލައިގެ ބައުޒަރަކުން ލޯންޗަކަށް ތެޔޮއަޅައި ދެނީ --- ފޮޓޯ: ރައްޔިތުންގެ ނޫސް
ފެރީ ލޯންޗުތަކަށާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ވިއްކަން ނިންމާފައިވާ ކަމުގައި އެސްޓީއޯއިން މިރޭ ބުނެފިއެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، އެންމެފަހުން ވިއްކަމުން އައި އަގަށް، ފެރީ ލޯންޗުތަކަށާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ އެސްޓީއޯއިން ވިއްކާނެއެވެ.
އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ވިއްކުމަށް ހަމަޖައްސާފައިވާކަމުގައި އެސްޓީއޯއިން މިރޭ ވަނީ ބުނެފައެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ސަބްސިޑިއަރީ ކުންފުނި ފިއުލްސަޕްލައި އިން މިއަދު ވަނީ، އެކުންފުނީގެ ޝެޑްތައް ފިޔަވައި، ޕަމްޕް ސްޓޭޝަންތަކުންނާއި ބައުޒަރުތަކުން ޑެލިވެރީކޮށް ވިއްކާ ތެލުގެ އަގު މިއަދު ދެގުނަ ބޮޑުކޮށްފައެވެ. މިގޮތުން މިއަދުން ފެށިގެން ތެޔޮ ވިއްކާނީ، ޑީސަލް ލީޓަރެއް 28 ރުފިޔާ 32 ލާރިއަށް ކަމަށާއި، އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ، 27 ރުފިޔާ 13 ލާރިއަށްކަމުގައި ކުންފުނިތަކަށް އެންގިއެވެ.
މި އެންގުމާއި އެކުގައި އަތޮޅުތެރެއަށް ދަތުރުކުރާ ފެރީ ލޯންޗުތަކުންވެސް ވަނީ ފެރީތަކުގެ ޓިކެޓުގެ އަގުތައް ދެގުނަ ބޮޑުކޮށްފައެވެ. އެންމެ ބޮޑަށް އަގުބޮޑުވެގެން ދިޔައީ ތ އަތޮޅަށެވެ. މާލެއިން ތ އަތޮޅަށް އަދި ތ އަތޮޅު މާލެއަށް ދަތުރުކުރާ ފެރީތަކުން ކޮޅަކަށް 1300ރ ނެގުމަށް ނިންމައި އެކަން މިއަދު ވަނީ ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށްވެސް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް