ރިޕޯޓް

ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

2007 – 2017 އިންތިހާބުގައި ބޭނުންކޮށްފައިވަނީ އަޅި ކުލައިގެ މަތިޖެހި ޕްލާސްޓިކް ފޮށި، 2018 ވަނަ އަހަރުން ފެށިގެން އިންތިހާބުގައި ބޭނުންކުރަމުންދަނީ އިލެކްޝަން ކޮމިޝަންގެ ލޯގޯ ޖަހާފައިވާ ދަނބުކުލައިގެ މަތިޖެހި ޕްލާސްޓިކް ފޮށި --- ގްރެފިކްސް: ރައްޔިތުންގެ ނޫސް

2008 ވަނަ އަހަރުގައި ވުޖޫދުކުރެވުނު ފެހި ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒުކޮށްގެންނެވެ.

އަދި ގާނޫނުއަސާސީގެ 298 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ ފުރަތަމަ އިންތިހާބު 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެކުރިން ބާއްވަންޖެހޭނެއެވެ. ނަމަވެސް މި މުއްދަތު ފަހަނައަޅައިދިޔުމުން 13 އޮކްޓޯބަރު 2010ގައި އިންތިހާބު ބޭއްވުމަށް އަނެއްކާވެސް ކަނޑައެޅިއެވެ.

ނަމަވެސް ލޯކްލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި 19 މަސްދުވަހުގެ މުއްދަތަކަށް ފަސްވެގެން ދިޔައެވެ.

މިއާއެކު، ރަށު އަދި އަތޮޅު ފެންވަރުގައި ރައްޔިތުންގެ ތަމްސީލުކުރުމަށް ދިވެހިރާއްޖޭގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުނީ 5 ފެބްރުއަރީ 2011ގައެވެ. އަދި ދެވަނަ ބުރު ބޭއްވުނީ 12 މާރިޗް 2011ގައެވެ.  

އެފަހަރު ޖުމްލަ 1091 ފަރާތެއް ރަށު ކައުންސިލު، އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލަށް އިންތިހާބުވިއެވެ. އެއީ ރަށު ކައުންސިލަށް 942 ފަރާތާއި، އަތޮޅު ކައުންސިލަށް 132 ފަރާތާއި ސިޓީ ކައުންސިލަށް 17 ފަރާތެކެވެ.

Uploaded image

މިއީ އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަޅާކިޔާއިރު %10 ގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި މަގާމުތަކަށް އިންތިހާބުވީ ޖުމްލަ 982 ފަރާތްތަކެވެ. އެއީ ރަށު ކައުންސިލަށް 918 ފަރާތާއި، އަތޮޅު ކައުންސިލަށް 18 ފަރާތާއި ސިޓީ ކައުންސިލަށް 46 ފަރާތެކެވެ.

ރަށު ކައުންސިލްތަކަށް 2014 ވަނަ އަހަރާއި 2017 ވަނަ އަހަރު އިންތިހާބުކުރި ފަރާތްތަކުގެ އަދަދު ބޮޑުތަކުން ތަފާތެވެ. އެގޮތުން 2014 ވަނަ އަހަރު 946 ފަރާތެއް ރަށު ކައުންސިލަށް އިންތިހާބުކުރިއިރު 2017 ވަނަ އަހަރު އިންތިހާބުކުރީ 563 ފަރާތެވެ.

އަދި 2017 ވަނަ އަހަރު އަތޮޅު ކައުންސިލަށް އިންތިހާބުކުރި އަދަދުވެސް 2014 ވަނަ އަހަރާއި އަޅާބަލާއިރު 49.24 އިންސައްތަ ކުޑައެވެ. އެގޮތުން 2014 ވަނަ އަހަރު އަތޮޅު ކައުންސިލަށް ޖުމްލަ 132 ފަރާތެއް އިންތިހާބުކުރިއިރު، 2017 ވަނަ އަހަރު އިންތިހާބުކުރީ 67 ފަރާތެކެވެ.

Uploaded image

ދިވެހިރާއްޖޭގައި ބާއްވާ އެހެން އިންތިހާބުތަކާއި އަޅާކިޔާއިރު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދާއި ވޯޓުދޭ މީހުންގެ އަދަދާއި ތަފާތު އުޅޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވެއެވެ.

Uploaded image

އެގޮތުން އިލެކްޝަންސް ކޮމިޝަންސްގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 2014 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ދިނުމުގެ ހައްގުލިބިގެންވާ 240,220 މީހުންގެ ތެރެއިން 62.52 އިންސައްތަ މީހުންނެވެ. އެއީ 150,178 މީހުންނެވެ. މި ތަފާސްހިސާބުތަކުން އިނގޭ ގޮތުގައި 2014 ވަނަ އަހަރު ވޯޓު ދިނުމުގެ ހައްގުލިބިގެންވާ 90،042 މީހުން ވޯޓެއް ނުލައެވެ.

Uploaded image

2020 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނައިން ގޮނޑި ބެހުނުގޮތުގެ ތަފާސްހިސާބަށް ބަލާލާއިރު، އެންމެ ގިނަ ގޮނޑި ލިބުނީ އެމްޑީޕީ، ޕީޕީއެމް އަދި އަމިއްލަގޮތުން ކުރިމަތިލި ފަރާތްތަކަށެވެ. އެގޮތުން އެމްޑީޕީއަށް 421 ގޮނޑި ލިބުނުއިރު، 324 ގޮނޑި ލިބުނީ ޕީޕީއެމްއަށެވެ. ދެން އެންމެ ގިނައިން ލިބުނީ އަމިއްލަގޮތުން ކުރިމަތިލި ފަރާތްތަކަށް 182 ގޮނޑިއެވެ.

Uploaded image

އިލެކްޝަންސް ކޮމިޝަނުން ޝާއިއުކޮށްފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ވޭތުވެ ދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވަނީ 208 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ހަރަދުކޮށްފައިވަނީ ޖުމްލަ 85.6 މިލިއަން ރުފިޔާއެވެ.

Uploaded image

އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ މަސައްކަތް ހިނގާ ހިނގާ ގޮތް ބެލުމާއި، ވިލަރެސްކުރުމާއި، އަތޮޅުތެރޭގެ ތަރައްގީގެ މަސައްކަތްކުރުމާއި، މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި އާމްދަނީ ލިބޭނެ އެހެނިހެން ކަންކަން ކުރުމެވެ.

ރަށު ކައުންސިލްތައް އެކުލެވިގެންވާނީ އެރަށުގެ އާބާދީގެ މައްޗަށެވެ. ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމާއި، ބިމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، ކުއްޔަށް ދިނުމާއި އިންވެސްޓުކުރުމުގެ އިތުރުން ފުލުހުންނާއި ގުޅިގެން އަމާން ސުލްހަ ވެއްޓެއް ގާއިމްކުރުން ހިމެނެއެވެ.

ސިޓީ ކައުންސިލްތައް އެކުލެވިގެންވަނީ، ލޯކްލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން އާބާދީގެ ބޮޑުމިނާއި އެހެނިހެން ކަންކަމަށްބަލާ ކަނޑައަޅާ ސަރަހައްދުތައް ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ގާނޫނު ބަޔާންކުރެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް (2019) ގައި ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ލާމަރުކަޒުކުރުމަށް ސަރުކާރުތަކުން ފަސްޖެހެއެވެ. ވަކިން ހާއްސަކޮށް މާލީގޮތުން ލާމަރުކަޒުކުރުމަށް ފަސްޖެހުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމް އެދެވޭގޮތެއްގައި ތަންފީޒުކުރުމަށް ކައުންސިލްތަކަށް އުނދަގޫވެއެވެ.

މާދަމާއަކީ ދިވެހިރާއްޖެއިން ޑިމޮކްރަސީއަށް ކުރި މި ދަތުރުގައި ތާރީހީ ދުވަހެކެވެ. އަދި ރައްޔިތުން ގޮތް ނިންމާނެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް ވޯޓުދިނުމުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ. ދެން އޮތް ސުވާލު ވަރަށް ބޮޑެވެ. މިފަހަރުގެ ނަތީޖާ ތަފާތުވެދާނެ ހެއްޔެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް