ތެލަސީމިއާ ޕޭޝަންޓުންގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ޚަބަރު ފަތުރާތީ ކަންހިނގައިދިޔަގޮތް ސާފުކޮށްދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތެލަސީމިއާ 3 ޕޭޝަންޓެއްގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ޚަބަރު ފަތުރާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ، މޯލްޑިވްސް ބްލަޑް ސަރވިސްއިން ބަޔާނެއް ނެރެފިއެވެ.
މޯލްޑިވްސް ބްލަޑް ސަރވިސްއިން މިރޭ ނެރެފައިވާ 3 ސަފްޙާގެ ބަޔާނުގައި ވަނީ، އެކަން ހިނގައި ދިޔަ ގޮތް ވަރަށް ތަފްޞީލްކޮށް ކިޔައިދީފައެވެ. އަދި 2 ނަމްބަރު ފްރީޒަރަށް މައްސަލަ ދިމާވުމުން އެހެން ފްރީޒަރަކަށް 9 ޕަކެޓް ލޭ ބަދަލު ކުރި ކަމަށާއި، އޭގެ ތެރެއިން ބައެއް ލޭޕަކެޓްތައް 3 ޕޭޝަންޓެއްގެ ގަޔަށް އެޅުނު ނަމަވެސް، ޞިއްޙީ މިންގަނޑުތަކަށް ބަލާއިރު އެއީ، ތަޣައްޔަރުވެފައިވާ ނުވަތަ ކުނިވެފައިވާ ލޭ ނޫންކަން ކަށަވަރުވާކަމުގައި މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަނީ ބުނެފައެވެ. އަދި ރައްކާކުރި ލޭ ބެހެއްޓިފައި ހުރި ފިނިހޫނުމިނާއި މެދު ސުވާލު އުފެދިއްޖެނަމަ، އެފަދަ ލޭޕަކެޓްތައް ނާޅަން ނިންމާފައި އޮންނަނީ، ޕޭޝަންޓުންގެ ގަޔަށް އަޅާ ލެޔަކީ، އެންމެ މަތީފެންވަރުގައި ކޮލިޓީ ހިފެހެއްޓިފައިވާ ލެޔަށް ހެދުމުގެ ގޮތުން ކަމުގައިވެސް މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަނީ ބުނެފައެވެ.
ލޭ ރައްކާކުރެވިފައި ހުރި ފިނިހޫނު މިނާއި މެދު ސުވާލު އުފެދުނު ލޭ، 3 ޕޭޝަންޓެއްގެ ގަޔަށް އެޅިފައިވާކަން ފާހަގަ ވުމާއިއެކު އެކަން އެފަރާތްތަކަށްވެސް އަންގައި މައުލޫމާތު ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގައިވެސް މޯލްޑިވްސް ބްލަޑް ސަރވިސް އިން ބުނެފައިވެއެވެ. އަދި އެއިން އެއްވެސް ޕޭޝަންޓަކަށް ސިއްޙީ މައްސަލައެއް ދިމާވެގެން މިހާތަނަށް ރިޕޯޓްކޮށްފައެއްވެސް ނުވެއެވެ.
އެހެން ނަމަވެސް، ތެލަސީމިއާ 3 ޕޭޝަންޓެއްގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ބައެއް ނޫސްތަކުންނާއި، ސޯޝަލްމީޑިއާގައި އަންނަނީ ވާހަކަތައް ފަތުރަމުންނެވެ. އެހެންވެ އެކަން މޯލްޑިވްސް ބުލަޑް ސަރވިސްއިން ވަނީ ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް