Post banner
ރާއްޖެ

އިޓަލީ ވިލާތުގެ އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޓަލީ ވިލާތުގެ އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެއްޖެ

ރައީސް ވިދާޅުވީ ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ކުރައްވަމުންގެންދަވާ މަސައްކަތެއް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު ފުނުގައި ހުންނަ، ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވްކުރި 5 ފަތުރުވެރިންގެ ތެރެއިން އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އެ ޤައުމުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ އާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުއާކުރައްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުއްޒިޔާ މެސެޖު އެމަނިކުފާނު ހިއްސާކުރައްވާފައި މިވަނީ މި ހާދިސާއާ ގުޅޭ  އޮޕަރޭޝަންގެ މައުލޫމާތު ދޭނީ، ރައީސް އޮފީހުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވަނިކޮށެވެ.

އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިން، ކަނޑުއަޑީގައިވާ ހޮހަޅައަށް ޑައިވިނަށް ފޭބި ފަހުން އެމީހުންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ގެއްލުނު ފަތުރުވެރިން ހޯދުމަށް ފެށި އޮޕަރޭޝަނުގައި، ހޮހަޅައިގެ ތެރެއިން އެކެއްގެ ހަށިގަނޑުވަނީ ފެނިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، އިއްޔެ އިރު އޮއްސި 18:13 ހާއިރު އެ ހޮހަޅައިގެ ތެރެއިން ކަމަށެވެ.

އެމްއެންޑީއެފުން އިއްޔެ ވިދާޅުވީ، ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އިއްޔެ އެސަރަހައްދަށް ފޮނުވާފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމުގައިވެސް އިއްޔެ އެމްއެންޑީއެފުން ވަނީ ވިދާޅުފައެވެ.

 

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް