ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! (ފުރަތަމަ ބައި)
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޮސްޕިޓަލުން އައިގޮތަށް ފަޒީނާ ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަތްގޮތަށް ފެންމާގަނޑާއި އިސްކުރު ދޫކޮށްލިއެވެ. ފެންތައް އޭނާގެ ބޮލަށް އޮހެމުން އިސްތަށިގަނޑާއި ހެދުން ތެންމަމުން ދިޔައެވެ. މާގަނޑުދަށުގައި ހުރެ ފަޒީނާ ދިޔައީ ރޮމުންނެވެ. އޭނާބޭނުންވާނީ ފެންވަރާށެވެ. ހަށިގަނޑުގައިވާ މިލަތައް ފިލުވާކަށެއް ނޫނެވެ. އޭނާގެ ފާފަތަށް ދޮވެވި ދާންދެންނެވެ. އޭނާގެ ހަށިގަނޑުން ބަލިމަޑުކަން ފިލާންދެންނެވެ. އެކަމަކު އެއީ ވާން އޮތް ކަމެއް ނޫންކަން ޚުދު ފަޒީނާއަށްވެސް އެނގެއެވެ. ކިތަންމެ ރުޔަސް އަދި ތައުބާވެ އަސްތަޣުފާރު ކުރިޔަސް ވެދިޔަކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެދުވަސް އޭނާއަކަށް އަނބުރާ ނުގެނެވޭނެއެވެ. އެހެނީ އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި އުމުރަށް ހަޔާތް ބަރުބާދުވީއެވެ. އުފާތައް ގެއްލުނީއެވެ. އޭނާ އަށް އެކަންޏެއް ނޫނެވެ. ލޯބިވާ ދަރީންނަށާއި ފިރިމީހާއަށްވެސް މެއެވެ. ރުއިން ފިޔަވައި ފަޒީނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ވީކަމެއް ވެ ނިމި ހިނގައްޖެއެވެ. ދެން އޮތީ އެކަމުގެ ސަޒާއާއި ކުރިމަތި ލުމެވެ. މިދުނިޔެއާއި އާޚިރަތުގައިވެސް މެއެވެ.
މާގަނޑުގެ ދަށުގައި ހުރެ ފަޒީނާ ގިސްލައި ރޮމުން ދިޔައެވެ. އޭނާގެ އެންމެ ހަނދާންނެތި ވުމަކުން މުޅި ދިރިއުޅުން އޮޔާދިޔައީއެވެ. ކުޑަދެކުދިންގެ މުސްތަޤުބަލް ބަނަވީއެވެ. އޭނާގެ އެފާފައިގެ ސަބަބުން އޯގާތެރި ވަފާތެރި ފިރިއެއްގެ އަބުރުގެ ދާވަނީ ހުތުރު ލައްގަނޑެއް ޖެހޭނެއެވެ. ކުށެއްނެތި މިދުނިޔޭގައި މީސްތަކުންގެ ކުރިމަތީގައި އޭނާ ބަދުނާމްވާނެއެވެ. މަލާމާތުގެ ބަސްތައް އޮހޭނެއެވެ. ނަފްރަތުގެ ކަޅިއެޅުންތައް އަމާޒުވާނެއެވެ. މީހުން ހާދަ އެއްޗިއްސެއް ކިޔާނެއެވެ. ހާދަ ފާޑުފާޑުގެ ވާހަކައެއް ދައްކާނެއެވެ. އެކަމަކު ފިރިމީހާ ޝަބީންގެ ކުށެއް އެކަމުގައި ނެތްކަން އެންމެ ރަނގަޅަށް އެނގެނީ ފަޒީނާއަށެވެ.
ފަޒީނާއަށް ވިސްނެނީ ޝަބީން އާއި މެދުގައެވެ. އެޚަބަރު ލިބުމުން ޝަބީން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. ޝަބީން ފަޒީނާ ވަރިކޮށްލިޔަސް ދެކުދިން އަތުލައިގެން ދިޔަޔަސް އެކަމުގައި ފަޒީނާއަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. ސަބަބަކީ ކުށްކުރެވުނީ އޭނާއަށެވެ. ވީއިރު އެކުށުގެ އަދަބު އޭނާ ލިބިގަންނަން ޖެހޭނެއެވެ. މިއަދު ނުވަތަ މާދަމާ ނަމަވެސް އޭނާ އެފާފައިގެ ކައްފާރާ އަދާކުރަންޖެހޭނެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން ވާނެ ފައިދާއެއް ދެނެއް ނެތެވެ.
ފަޒީނާގިސްލަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ހިތްފުރެންދެން ރޯށެވެ. އެކަމަކު މަރުވެދާންދެން ފަޒީނާ މިކަރުނަ އެޅިޔަސް ހިތަކަށް ހަމަޖެހުމެއް ލިބުމެއް ނެތްކަން އޭނާއަށް އެނގެއެވެ. ހަށިގަނޑުން ހަމަ މިހިނދުގައި ފުރާނަ ވަކިވެދާނެ ނަމައޭ އޭނާގެ ހިތަށް އަރައެވެ. އެކަމަކު ކުޑަދެކުދީންނާއި މެދު ވިސްނާލެވުމާއި އެކު އޭނާގެ ރުއިންވީ އިތުރެވެ.
އޮފީހުގައި އުޅެފައި ޝަބީން ގެއަށް އައިސް ވަތް އިރު ދޮށީ ދަރިފުޅު ފަރީން އިނީ ޓީވީ ހުޅުވައިގެން ސިޓިންގ ރޫމުގައި ކާޓޫނު ބަލާށެވެ. ކުޑަދަރިފުޅު ފަޒްލީން ޓައިލްސްތައް މަތީގައި ޕަޒްލްއެއް ރާވަން މަސައްކަތްކުރަނީއެވެ. ދޮށީދަރިފުޅު ފަރީން ގާތު މަންމަ ކޮބައިތޯ އެހުމުން ފާހާނާގައި ކަމަށް ބުންޏެވެ. އެހެން ކަމުން ކޮޓަރިއަށްވެސް ނުވަދެ ސިޓިންގ ރޫމުގެ ޓައިލްސްތައް މަތީގައި ފަޒްލީން ގާތުގައި ޝަބީން އިށީނެވެ. ޕަޒްލް ރޭވުމުގައި ދަރިފުޅަށް އެހީތެރި ވެދޭށެވެ. ފަސްއަހަރުގެ ފަރީން އިރުއިރުކޮޅާ ކާޓޫނުގައި ވާގޮތުން ހީގަނެއެވެ. އެއިން ކޮންމެ ފަހަރަކު ޝަބީން އަށާއި ތިންއަހަރުގެ ކުޑަކުޑަ ފަޒްލީންއަށްވެސް ޓީވީއާއި ދިމާއަށް ބަލާލެވެއެވެ. ކުދިންގެ އުފާވެރި ސަކަ އުޅުން ފެނިފައި ޝަބީންވެސް ހީލިއެވެ. ދިރިއުޅުމުގައި ދެން އޮތީ ހިތާމަޔާއި ރުއިމުގެ ދުވަސްތައްކަން އެދެކުދިންނަށާއި ޝަބީންއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟
ފަޒީނާގެ ޚަބަރެއް ނުވެ ގިނަ އިރުވެގެން ޝަބީން ކޮޓަރިއަށް ވަނެވެ. އޭރު އިސްކުރާއި މާގަނޑުން ފެންފައިބާ އަޑު އިވެމުން ދިޔައެވެ. އެއަޑު ތަކުގެ ތެރޭން ފަޒީނާގެ ގިސްލުމުގެ އަޑު ދެނެގަންނާކަށް ޝަބީނަކަށް ނޭނގުނެވެ. އެހެނީ ފަޒީނާ ފާޚާނާތެރޭގައި ހުރެ ރޮއެފާނެކަން ވިސްނާލަންވެސް އޭނާއަށް ނޭނގޭތީއެވެ. އަދި ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެމީހުން ދިރިއުޅެމުން އައީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ކަމުގައި ވާތީއެވެ.
ދޮރުގައި ޖަހާލާފައި ޝަބީން ގޮވާލި އަޑު އިވުމުން ފަޒީނާ ދިޔައީ ސިއްސައިގެނެވެ. ވައްކަންކުރަން އުޅުނު ވަގަކަށް މީހެއްގެ ހިލަމެއް ވުމުން ތެޅިގަނެވޭގޮތަށް ފަޒީނާއަށް ތެޅިގަނެވުނެވެ. މޭގައި އަތްއެޅުމަށްފަހު އަނެއް އަތުން މާގަނޑު ބާރުކޮށްލިއެވެ. އަދި ފެންއިސްކުރު ބާރުކޮށްލުމަށްފަހު މިނުކުންނަނީއޭ ބުންޏެވެ. ތެތްއެއްޗެހި ބާލައި ގަޔާއެކު ތުވާލި އޮޅާލައިގެން ފަޒީނާއަށް ނުކުމެވުނީ އިރުކޮޅަކުންނެވެ. އޭރު ޝަބީން އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެގެން ފޯނާއި ކުޅޭށެވެ.
"ކީއްތަ ތިކުރީ އެހާއިރުވަންދެން ފާހާނާތެރޭގައި" ޝަބީން އެހިއެވެ.
"ފެންވަރާލީ" އަޑުގައި ހުރި ހިތާމައިގެ ގޮތް ކަނޑުވާލައި އުފާވެރި ހިނިތުންވުމެއް ދެއްކޭތޯ މަސައްކަތްކުރަމުން ފަޒީނާ ބުންޏެވެ.
"މިގަޑީ ތިފެންވެރީ. ރޯގާޖެހިދާނެނު" ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ޝަބީން ބުންޏެވެ. ޝަބީން އެސުވާލުކުރީ އެހެންނާ ފަޒީނާއަކީ އިރުއޮއްސޭ ދަޅަމައްޗަށް ފާޚާނާއަށް ވަދެ ފެންވަރާމީހަކަށް ނުވާތީކަން ފަޒީނާއަށް އެނގެއެވެ. ފަޒިނާ ހެދުންލަމުން ދިޔައިރު ފާޑަކަށް ހީގަނެގެން އޮވެ ވައްކަޅިއަކުން ޝަބީން ބަލަމުން ދިޔަކަން ފަޒީނާއަށް އެނގެއެވެ. ޝަބީންގެ އެފަދަ ބެލުންތަކުން މީގެކުރިން އުނދަގުލެއް ނުވިޔަސް މިފަހަރު ފަޒީނާއަށް އުނދަގޫވެއްޖެއެވެ. ހިތުގައި ޖެހިއްޖެއެވެ. އަލަމާރީގެ ދޮރުފަތުގެ ބިއްދަށުގައި އޭނާ ނިވާވެލިއެވެ.
ޑްރެސިންގެ ޓޭބަލް ކައިރިއަށް ހުއްޓި އިސްތަށިގަނޑުން ފަޒީނާ ތުވާލި ނައްޓާލިއެވެ. އެވަގުތު ފުރަގަހުން އައިސް ޝަބީން ފަޒީނާގެ ގައިގައި ބައްދާލުމަށްފަހު ކަންފަތްދޮށުގައި ހާދަ މީރުވަސް ދުވައޭ ބުނެލިއެވެ. ޝަބީންގެ އެއަމަލުން ފަޒީނާއަށް ލިބުނީ ސިހުމެކެވެ. ހިތަށްވީ ތަދެވެ.
"އައްދޭ! ލޯ ހާދަރަތްވެ ދުޅަވާގޮތްވެފަ ތިހިރީ" ލޯގަނޑުން ފެންނަށްހުރި ފަޒީނާގެ މޫނަށް ބަލާލާފައި ޝަބީން އެހެން ބުނުމުން ފަޒީނާ ތުވާލި ނަގައި މޫނުފޮހެލިއެވެ.
"ލޮލަށް ޝޭމްޕޫ އެޅުނީ" ފަޒީނާ ފުރަތަމަ ފަހަރަށް ޝަބީންއަށް ދޮގެއް ހެދިއެވެ.
"ހިނގާ ޑޮކްޓަރަށް ދާން" ޝަބީން ހުށައެޅިއެވެ. ފަޒީނާ ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ފަޒީނާއަށް ކިތަންމެ ކުޑަކަމެއް ވިޔަސް ޝަބީން ވަރަށް ކަންބޮޑުވާނެއެވެ. އެކަން ހަމަރަނގަޅަށް ފަޒީނާއަށް އެނގެއެވެ.
"ކީއްކުރަން މިއަދު ޑޮކްޓަރަށް ދައްކަން ދިޔައީ، މަށަށް އަންގާވެސް ނުލާ" ޝަކުވާގެ ރާގަކަށް ޝަބީން ބުންޏެވެ. ފަޒީނާއަށް އަނެއްކާވެސް ތެޅިގަނެވުނެވެ. ޝަބީންއަށް އެނގުނީ ކިހިނެއްބާވައެވެ. ފަޒީނާ އައީ އެވާހަކަތައް ޝަބީންއަށް ނޭންގުމަށް ޑޮކްޓަރުގާތުގައި އެދިފައެވެ. ރަނގަޅުވަގުތެއްގައި ޝަބީނަށް ހަޤީޤަތް ހާމަކޮށް ދޭނެކަމަށް ވަޢުދުވެފައެވެ.
"ބަނޑު ބޮޑީތަ؟" ޝަބީން ސުވާލު ކުރިއެވެ. ފަޒީނާއަށް ރޮވުނެވެ. އަދި އެނބުރި ޝަބީންގެ ގައިގައި ބައްދައިގަތެވެ. ޝަބީންގެ މޭގައި ބޯއަޅައިގެން އޮވެ ރޯންފެށިއެވެ. އޭނާއަށް ކުށެއް ކުރެވިއްޖެއެވެ. ކުށެއް ނޫނެވެ. ބޮޑުފާފައެކެވެ. އެކަމަށް ޝަބީން މަޢާފް ނުކުރާނެކަން ފަޒީނާއަށް ޔަޤީނެވެ. އެއީ އެއްވެސް ފިރިއަކަށް އޭނާގެ އަނބިމީހާއަށް މައާފް ކުރެވޭ ވަރަށްވުރެ މާބޮޑު ކުށެކެވެ. މާބޮޑު ޚިޔާނާތެކެވެ. އެޚަބަރު ލިބިއްޖެނަމަ ޝަބީންއަށް ވެދާނެގޮތަކާއި ދޭތެރޭ ކުރިންވެސް ފަޒީނާއަށް ވިސްނުނެވެ. އެކަމަކު މިއަދު މިއޮތީ އެއަށްވުރެ މާބޮޑަށް ވިސްނަންޖެހިފައެވެ. މިހެން ވެދާނެކަމަކަށް ފަޒީނާ ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ އެކަން އެހިސާބުން އެނިމުނީ ކަމަށެވެ. އެއީ ނުވާކަމެއްގެ ގޮތުގައި ހަޔާތުގެ ޑައިރީގެ ސިއްރުކަނެއްގައި ލިޔެވިފައި ބޭއްވިދާނެ ކަމަށެވެ. އެކަމަކު އެހެނެއް ނޫނެވެ. ތަޤުދީރު އޭނާ ގެނެސް އެވައްޓާލީ އެއަށްވުރެ ފުން އަދަވަޅަކަށެވެ. ސަލާމަތެއް މިންޖެއް ވެވުން ނެތް ތާއަބަދުގެ އަނދަވަޅަކަށެވެ. އެއަނދަވަޅަށް ފަޒީނާއާއި އެކުގައި ޝަބީންވެސް ވެއްޓިފައި ވާނެކަން ފަޒީނާއަށް ޔަޤީނެވެ.
"އޭތް ރޮނީތަ؟ އެއީކީ ކަމެއް ނޫނޭ. ކިޑެއް ލިބެންޏާ އުފަލެއްނު ވާންވީ، ކުޑަކުޑަ ތިން ކުދިން، ކިހާމަޖާވާނެ" ޝަބީންއަށްވީ މަޖަލަކަށެވެ. ފަޒީނާ އެއްޗެކޭ ނުބުންޏެވެ. އިރުކޮޅަކުން ދެލޯ ފޮހެލާފައި އޭނާ ޝަބީން އާއި ދުރަށް ޖެހިލިއެވެ.
ޝަބީން ނިންމީ ފަޒީނާ އަނެއްކާވެސް ބަލިވެ އިނީކަމަށެވެ. އޭނާގެ މޫނުމަތީގައި ލާނެތް ހިނިތުންވުމެއް ހުއްޓަސް އޭނާގެ ސިކުނޑީގައި ސުވާލުތަކެއްވެސް އުފެދުނެވެ. ފަޒީނާ ބަނޑުބޮޑުވީ ކީއްވެބާވައެވެ؟ ދޭތެރެ ދުރުކުރާ ވަސީލަތްތައް އެމީހުން ބޭނުންކުރިއެވެ. އެކަމަކު އެތަކެއްޗަކީވެސް ސަތޭކަ ޕަސެންޓް ގެރެންޓީއެއް އޮތް އެއްޗަކަށް ނުވީތާއޭ ޝަބީންގެ ހިތަށް އެރިއެވެ.
ޝަބީން ނުކުތުމުން އަނެއްކާވެސް ފަޒީނާއަށް ގިސްލެވެން ފެށުނެވެ. އެރުއިމަކަށް ދެން ހުއްޓުމެއް ނެތެވެ. އެކަރުނައަކަށް ނިމުމެއް ނެތެވެ. އެކަން އެނގެނީ ފަޒީނާއަށެވެ. ދެން ޑޮކްޓަރަށެވެ. އެއްދުވަހަކުން އެކަން ޝަބީންއަށްވެސް އަންގަންޖެހޭނެއެވެ. ނުވަތަ އެނގޭނެއެވެ. އެއީ ސިއްރު ކުރެވޭ ވަރަށްވުރެ މާބޮޑު ކަމެކެވެ. ފަޒީނާއަށް ވިސްނެނީ އެދުވަހަކުން ވާނެގޮތަކާއި މެދުގައެވެ. ކަންއޮތީ ވެނިމިފައެވެ. ދެންއޮތީ ހަޤީޤަތާއި ކުރިމަތިލައިގެން ދިރިއުޅުމާއިގެން ކުރިޔަށް ދެވޭތޯ ބެލުމެވެ. އެކަމަކު އެއީ އެކަނި ގިނިކަންޏާ އުފުލޭވަރަށްވުރެ މާބޮޑު ބުރައެކެވެ. ހިތާމައެކެވެ.
ފަޒީނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެރޭގެ ހަނދާންތަކެވެ. އޮފީސްދަތުރެއްގައި އޭނާ ލަންކާއަށް ދިޔައީ އެދަތުރުގައި ކޮންމެހެންވެސް ދާންބޭނުން ވެގެންނެވެ. އޭނާގެ ވަޒީފާގެ ކުރިއެރުމާއި މަސައްކަތަށް އެދަތުރަކީ މުހިއްމު ދަތުރަކަށް ވިޔަތީއެވެ. އެކަމަކު އެދަތުރަކީ ފަޒިނާއާއި ޝަބީންގެ އުފާވެރިހަޔާތުގައި ނިމުމުގެ އަބަދީ ސިއްކަޖެހޭނޭ ދަތުރުކަމުގައި ވިސްނިފައި އޮތްނަމަ ފަޒީނާ އެދަތުރަކު ނުދިޔައީހެވެ.
ފަޒްލީންއަށް އޭރު ކިރިޔާ އަހަރެއްވީއެވެ. އެހެންކަމުން ފަޒީނާ އެދަތުރުދާން ޝަބީން އެހާ ޤަބޫލެއްވެސް ނުވިއެވެ. ދެސަބަބަކާއި ހެދިއެވެ. އެއްސަބަބަކީ ފަޒްލީން ކުޑަކަމުންނެވެ. އަނެއް ސަބަބަކީ އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެކެވެ. ޝަބީންއަށް ހުވަފެނުގައި ފެނުނީ ފަޒީނާ ވަރަށް ބަލިވެގެން ލަންކާގެ ހޮސްޕިޓަލެއްގައި ބާއްވާފައި އޮތަތީއެވެ. ވީ ކޮންބައްޔެއްކަމެއް ހުވަފެނުގައި އޭނާއަކަށް ނޭނގުނެވެ. އެއީވެސް ނަޞީބެކޭ ފަޒީނާގެ ހިތަށް މިހާރު އަރައެވެ. އެއީ ޝަބީނަކީ ނުހަނު ހުވަފެން ސީދާ މީހަކަށް ވާތީއެވެ. ޝަބީނަށް ނޭނގުނަސް އެހުވަފެން ސީދާވެއްޖެކަން މިއަދު ފަޒީނާއަށް އެނގެއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް