ކަޅު ބާޒާރުގައި ޑޮލަރުވިއްކާ އަގު ރިޕޯޓްކުރާ މީޑިއާތަކަށްވެސް ފިޔަވަޅު އެޅޭގޮތަށް ޤާނޫނު އިސްލާޙް ކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑޮލަރުގެ އަގުތައް ބޮޑުވަނީ، ނޫސްތަކުން ސުރުޚީތައް ޖަހާގޮތުން ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ޚަބަރުތަކުގައި ގެނެސްދޭ މީޑިއާތަކަށްވެސް ފިޔަވަޅު އެޅޭ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް ބިލުގައި ހިމެނީ، ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހުގެ ތަޅުމުން އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފަހުގައެވެ. މިގޮތުން ބިލުގައި ހިމަނާފައި ވަނީ، ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް މީޑިއާތަކުން ގެނެސް ދިނުމަކީ އެއީ، ކަޅުބާޒާރަށް ހިއްވަރު ދިނުން ކަމަށް ބަލައިގެންނެވެ. މިގޮތުން، ކަޅުބާޒާރުގައި ޑޮލަރު ވިއްކާއަގު ހާމަކޮށްފައި ވަނީ، ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމުގައިވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް، ޑޮލަރު ގަނެވިއްކާ، ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަންވެސް ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައި ވެއެވެ. މިގޮތުން ހުއްދަ ދީފައިވާ މަނީއެކްސްޗޭންޖް ތަންތަން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ސަރުކާރުން މައިގަނޑުގޮތެއްގައި، ބޭރު ފައިސާ އާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަށް ނިންމީ، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލާ، ޖުމްލަ އާމްދަނީގެ 20 ޕަސެންޓުގެ މާރުކުރަން މަޖުބޫރު ކުރުމަށެވެ. އެބަދަލު ގެނައުމަށް ނިންމާފައި ވަނީ، ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެގެން ދިޔުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް