Post banner
ރާއްޖެ

ޒުހައިރު ވަޒީފާއިން ވަކިކުރެވޭނެ ޤާނޫނީ އެހެން ހަމައެއް ނެތުމުން އޭނާހުންނެވި މަޤާމު އުވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޒުހައިރު ވަޒީފާއިން ވަކިކުރެވޭނެ ޤާނޫނީ އެހެން ހަމައެއް ނެތުމުން އޭނާހުންނެވި މަޤާމު އުވާލައްވައިފި

ޒުހައިރު ސޯބެ އާއިއެކު ނެންގެވި ފޮޓޯ --

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި، ކުރީގެ އައްސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤުގެ އާއިލީ ބޭފުޅެއް ކަމުގައިވާ އަހުމަދު ޒުހައިރު ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގައި އޭނާ އަދާކުރައްވަމުން ގެންދަވާ ޑިރެކްޓަރުގެ މަގާމު އުވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަޤާމު އުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ މިޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މަޤާމު އުވައިލިކަން އީމެއިލްގެ ޒަރީޢާއިން މިހާރު ވަނީ ޒުހައިރުއަށް އަންގާފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހައިރާއި މެދު ސަރުކާރުގެ އިސްބައެއް ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައި ނުގެންނެވީ، ހިތަދޫ އުތުރުދާއިރާގެ ގޮނޑި ސޯބެ ކާމިޔާބު ކުރެއްވުމާއި، ސޯބެއާއެކު ޒުހައިރު ފޮޓޯއެއް ނަންގަވައި އާއްމުކުރައްވާފައި ވާތީއެވެ. އަދި ޒުހައިރު ވަޒީފާއިން ވަކިކުރުމަށްޓަކައި އޭނާ ހުންނެވި، މަޤާމު އުވައިލެއްވުން ނޫންގޮތަކުން އެކަން ކުރެވެން ނެތުމުން އެމަޤާމު އުވައިލެއްވީކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ޒުހައިރު ހުންނެވި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ޑިރެކްޓަރުގެ މަޤާމަކީ ސިޔާސީ މަޤާމެއް ނޫނެވެ. އެއީ އެބޯޑުގެ އޮނިގަނޑުގައި ހިމެނޭ މަޤާމެކެވެ. އެމަޤާމަށް ހުސްވި އަހަރުގެ ޖޫން މަހު ޒުހައިރު ހޮވިވަޑައިގެން ވަޒީފާ އަދާކުރައްވަން ފެއްޓެވީވެސް، އާއްމުކޮށް އިޢުލާނުކޮށް އިންޓަވިއުކޮށް އެމަޤާމަށް އޭނާ ހޮވި ވަޒީފާ ދެއްވުމުންނެވެ.

ނިމި ދިޔަ އެމްޑީޕީގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ މަޤާމުވެސް ފުރުއްވި ޒުހައިރަކީ، އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ، ހުސްވި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ބޯޑެކެވެ. މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް