ދިގުރަށު އަލިފާނުގެ ހާދިސާގައި ނިޔާވި 4 މީހެއްގެ ހަށިގަނޑު އަނބުރާ ޤައުމަށް ފޮނުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިގުރަށު އަލިފާނުގެ ހާދިސާގައި ނިޔާވި ބިދޭސީންގެ ހަށިތައް ---
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އދ ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހަށިގަނޑު މިހާރު އެމީހުންގެ ޤައުމަށް ފޮނުވާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިހާދިސާގައި ނިޔާވި އެންމެންނަކީވެސް ބަނގުލަދޭޝް މީހުންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާތަނަށް ނުފޮނުވި އޮތީ އެންމެ މީހެއްގެ ހަށިގަނޑުކަމަށާއި އެމީހާގެ ހަށިގަނޑުވެސް ބަނގުލަދޭޝްއަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކު ނިޔާވިއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހާކާއި ވަރަށް ޒުވާން ތިން މީހަކު ހިމެނޭއިރު، މިހާދިސާގައި ފިހިގެން އަނިޔާވި 2 މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެމުން، ބިދޭސީ މީހަކު ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅި ގޮވައިގެން ކަމަށެވެ. އަދި ބާރުއަޑުފައްގަނޑަކާއި އެކު ގޭސްފުޅި ގޮވުމާއެކު މުޅި ބަދިގެ ތެރޭގައި ރޯވީ ކަމަށާއި އެވަގުތު ކޮޓަރިތެރޭގައި ތިބި މީހުންނަށް ނުނުކުމެވި ތާށިވީކަމަށް ވެސް އޭނާ ކިޔައި ދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް