އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް — ފޮޓޯ: އަލްޖަޒީރާ
އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިން ބޭނުން ކުރަމުން އަންނަ ފައިޓާ ޖެޓްތަކަށް ތެޔޮއެޅުމަށް ބޭނުން ކުރާ، މަތިންދާ ބޯޓެއް އިރާޤުގެ ަސަރަހައްދަކަށް ވެއްޓިއްޖެއެވެ.
ބޯޓު ވެއްޓުނުކަން އެމެރިކާގެ އަސްކަރިއްޔާއިންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިހާދިސާގައި އެބޯޓުގައި ތިިބި އެމެރިކާގެ ސިފައިންގެ ޕަައިލެޓުންނާއި އިންޖިނޭރުންގެ ތެރޭގައި ހިމެނޭ 6 މީހުންވެސް ވަނީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓު ވެއްޓުނީ ކީއްވެ ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ވައިގެ ހަމަލާތައް ދޭންފެށި ފަހުން މިއީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވި މިފަދަ ފުރަތަމަ ހާދިސާއެވެ. ޢިރާޤުގައި ތިބި މުޖާހިދުންވެސް އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތކެއް ދެމުން އަންނައިރު، އެމެރިކާ އަސްކަރިއްޔާގެ މި ބޯޓު ވެއްޓުނީ، ހަމަލާއަކުން ކަމެއް ނުވަތަ ބޯޓުގެ ނިޒާމްތަކަށް ދިމާވި މައްސަލައަކުން ކަމެއް އަދި ސާފެއް ނުވެއެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަަކަށް، ހީވެސް ނުކުރާފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް އީރާނުން ދެމުން އަންނާތީ، ހަނގުރާމަ ހުއްޓާލުމަށް ބޭނުންވެ އެމެރިކާއިން ވަނީ އީރާނަށް މަޝްވަރާގެ މޭޒަށް އައުމަށް ހުށައަޅާފައެވެ. އެހެން ނަމަވެސް މިހަނގުރާމައަކީ އެމެރިކާ އާއި އިޒްރޭލުންފެށި ހަނގުރާާމައެއް ކަމަށް ވުމާއެކު، ރައްދު ހަމަލާތައް ހުއްޓައިލުމާއި މެދު ގޮތް ނިންމާނީ އީރާނުން ކަމުގައި އެޤައުމުން ވަނީ ބުނެފައެވެ.
ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އިޒްރޭލުގެ އިތުރުން ޢަރަބިޤައުމަކުގެ އިޤުތިޞާދަށްވެސް ވަނީ އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް