Post banner
ރަށްރަށުން

މަނަދޫ އަދި މާފަރަށް މޮޅެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަނަދޫ އަދި މާފަރަށް މޮޅެއް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް ---

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ ފުރަތަމަ މެޗްގައި 0-2 އިން ޅޮހި ބަލިކޮށް މަނަދޫއިން މުބާރާތުގެ ފުރަތަމަ 3 ޕޮއިންޓް ހޯދައިފިއެވެ.

ދެޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު މަނަދޫގައި ކުޅެވުނު މިމެޗު ޝަރަފުވެރިކޮށްދެއްވީ ފުޓްބޯޅަ ލެޖެންޑު ޢަބްދުއްރަޙްމާން މޫސާއެވެ.

މެޗް ދެވަނަ މިނެޓުގައި މަނަދޫ ޓީމުން ފުރަތަމަ ގޯލް ކާމިޔާބުކުރީ ހުނަރުވެރި ކުޅުންތެރިޔާ (ޖާޒީ ނަމްބަރު 10) ރައުފަތު އަބޫބަކުރެވެ. ދެވަނަ ހާފްގައި އެޓީމްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 26) ޙުސައިން ޝައިހާން އެވެ. މެޗް ނިމުނީ 0 - 2 ގެ ނަތީޖާއަކުން މަނަދޫ ކުރި ހޯދައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަނަދޫ ޓީމްގެ (ޖާޒީ ނަމްބަރު 10) ރައުފަތު އަބޫބަކުރެވެ. މަނަދޫގެ 2 ވަނަ މެޗް، މަނަދޫ އަދި މަގޫދޫ ބައްދަލުކުރާ މެޗް އޮންނާނީ 16 އޮގަސްޓުގައެވެ.

ޅޮހީ ޓީމްގެ ދެވަނަ މެޗްގައި ހަމަ އެދުވަހު ނުކުންނާނީ މާފަރާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ މެޗްގައި މަގޫދޫ އަދި މާފަރު ބައްދަލުކުރި ފޯރިގަދަ މެޗް ނިމުނީ ގިނަ ގޯލްތަކަކާއި ވާދަވެރި ކުޅުމަކަށް ފަހު މާފަރުން މަގޫދޫގެ މައްޗައް ކުރިހޯދައިގެންނެވެ.

3-5 ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ފުރަތަމަ ހާފްގެ ފަހުކޮޅު 2 ގޯލް ކައިރި ކައިރީގައި މާފަރުން ގޯލްތައް ކާމިޔާބުކޮށް ލީޑުނެގިއެވެ. މަގޫދޫ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފި ދިޔައެވެ.

މާފަރުން (ޖާޒީ ނަމްބަރު 9) އައިހަމް ހަމްދޫން އަދި (ޖާޒީ ނަމްބަރު 6) އިމާދު އަލީގެ 2 ގޯލާއިއެކު ފުރަތަމަ ހާފް ނިންމާލީ ހިތް ހަމަޖެހިގެންނެވެ.

ދެވަނަ ހާފްފެށުމާއި އެކު މާފަރުން (ޖާޒީ ނަމްބަރު 8) އިބްރާހިމް ޒަކަރިއްޔާ އެޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކުރިއެވެ. އޭގެ މިނެޓެއް ފަހުން މަގޫދޫއިން (ޖާޒީ ނަމްބަރު 9) މުހައްމަދު އިރުޝާދު ފުރަތަމަ ގޯލް އަދި 26 ވަނަ މިނެޓުގައި (ޖާޒީ ނަމްބަރު 10) އަލީ ޝާހިދު އެޓީމުގެ ދެވަނަ ގޯލްޖަހާ ފަރަގު ކުޑަކޮށްދިނެވެ. އަދި 28 ވަނަ މިނެޓްގައި މާފަރުން (ޖާޒީ ނަމްބަރު 10) އިރުޝާދު އަދުނާން އެޓިމުގެ 4 ވަނަ ގޯލު ކާމިޔާބުކޮށްދިނެވެ.

މަގޫދޫ ޓީމްގެ 3 ވަނަ ގޯލް (ޖާޒީ ނަމްބަރު 9) މުހައްމަދު އިރުޝާދު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށް 3-4 އަށް ނަތީޖާ ބަދަލުކޮށްދިން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ވަގުތުގައި މުހައްމަދު އިހްޝާން އަތުން ބައިކޮޅަށް ގޯލެއް ވަދެ 3-5 ގެ ނަތީޖާއަކުން މާފަރުން މެޗު ކާމިޔާބުކޮށްގެންނެވެ.

މަގޫދޫގެ މުހައްމަދު އިރުޝާދު ގެ 2 ގޯލް ފެނިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަރު ޓީމްގެ (ޖާޒީ ނަމްބަރު 12) އަފްރާހް މުހައްމަދެވެ.

މާފަރު ޓީމްގެ 2 ވަނަ މެޗް 18 އޮގަސްޓްގެ ހަވީރު މަނަދޫ އާ ދެކޮޅަށް އޮތް އިރު، އެރޭ ކުޅޭ މެޗުގައި މަގޫދޫ ބައްދަލު ކުރާނީ ޅޮހީ ޓީމާއެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް