Post banner
ރަށްރަށުން

ސަރުކާރުގެ ހައުސިންގ ލޯނުގެ ދަށުން ދާންދޫގައި 3 ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުގެ ހައުސިންގ ލޯނުގެ ދަށުން ދާންދޫގައި 3 ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ދާންދޫގައި އިމާރާތް ކުރާ ގެތައް --- ފޮޓޯ: މުޙައްމަދު ޝަރޫފް - ރަށު ރިޕޯޓަރ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ ލޯނު ސްކީމުގެ ދަށުން، ގއ. ދާންދޫގެ 3 ފަރާތަކަށް ލޯނު ހަމަޖެހި، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ކަމުގެ ސަބަބުން ދާންދޫގެ މި ޢާއިލާތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމުގެ އުއްމީދު މިވަނީ އައުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހުސްވި ޖުލައި މަހުގެ ތެރޭގައި ދާންދޫގެ 3 ފަރާތަކަށް ވަނީ ލޯނު ހަމަޖެހި، އޭގެ ފުރަތަމަ ޕޭމަންޓް ދޫކޮށްފައެވެ. މި ލޯނުތަކުގެ ތެރޭގައި ހިމެނެނީ އެއްމިލިއަން ރުފިޔާ، އާއި ހަލައްކަ ރުފިޔާގެ ދެމެދުގެ ލޯނެވެ. ފުރަތަމަ ޕޭމަންޓް ލިބުމާއެކު، އެ ގެތަކުގެ ވެރިފަރާތްތަކުން ވަނީ މިހާރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ނަމަވެސް، މަސައްކަތް ފެށުމާއެކު ގެތަކުގެ ވެރިފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި، މި ލޯނުތަކަށް އެދި ހުށަހަޅާފައިވާ އިމާރާތުގެ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) އަކީ މީގެ 7 އަހަރު އަދި 10 އަހަރު ކުރިން، އެ ދުވަސްވަރުގެ ބާޒާރުގެ އަގުތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އެހެންކަމުން، މިހާރުގެ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ހުރިކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ޚާއްޞަކޮށް ވޭތުވެދިޔަ އަހަރުތަކުގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަސައްކަތު މީހުންގެ އުޖޫރަ ނުވަތަ ލޭބަރ ކޮސްޓް އެއަށްވުރެވެސް ބޮޑަށް އުފުލިފައިވާކަމަށް ގެތަކުގެ ވެރިން ބުނެއެވެ. މިކަމުގެ ސަބަބުން، މީގެ އަހަރުތަކެއް ކުރިން އަންދާޒާކުރި ބަޖެޓުން މުޅި އިމާރާތުގެ މަސައްކަތް ނިންމުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެހެންކަމުން، ބާޒާރުގެ އަގުތަކަށް އައިސްފައިވާ މި ބޮޑު ބަދަލަށް ސަރުކާރުން ރިޢާޔަތްކުރައްވައި، ކުރިއަށް އޮތް ޕޭމަންޓްތައް ދޫކުރެއްވުމުގައި މިކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ރައްކާތެރި ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ ދާންދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ލޯނު ލިބިފައިވާ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ..

މީގެ އިތުރުން، މި ގެތައް އިމާރާތްކުރަމުންދާ ސަރަޙައްދަކީ މީގެ 17 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ހިއްކައި ކައުންސިލާ ޙަވާލުކޮށްފައިވާ ބިމެއް ނަމަވެސް، އެ ސަރަޙައްދު ތަރައްޤީކުރުމުގައި އަދިވެސް ބޮޑެތި ހުރަސްތަކެއް ހުރިކަން ރައްޔިތުން ފާހަގަކުރެއެވެ. އެގޮތުން، ބިން ހިއްކިތާ އެތައް އަހަރެއް ވޭތުވެގެން ގޮސްފައިވާއިރު، އެ ސަރަޙައްދަށް އަދިވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިފައެއް ނުވެއެވެ. ޚާއްޞަކޮށް، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ކަރަންޓާއި ނަރުދަމާގެ ޚިދުމަތް މިހާތަނަށްވެސް އެ ސަރަޙައްދަށް ލިބިފައި ނުވުމަކީ، އިމާރާތްކުރުމުގެ މަސައްކަތް ނިމުނު ކަމުގައި ވިޔަސް، އެތަންތަނުގައި އާބާދުވެ ދިރިއުޅެން ފެށުމަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެހެންކަމުން، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަޙައްދަށް ބޭނުންވާ ކަރަންޓާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ޤާއިމުކޮށްދެއްވުމަކީ ކަމާބެހޭ މުއައްސަސާތަކުގެ ކިބައިން ދާންދޫގެ ރައްޔިތުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ.

ޚަބަރު ލިޔުނީ: މުޙައްމަދު ޝަރޫފް - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް