ރާއްޖެ

އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދިއްޖެ: އިބޫ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދިއްޖެ: އިބޫ

ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީއަށް ފަހު، އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ހައްލެއް ހޯދިއްޖެ ކަމުގައި އެޕާޓީގެ މުޝީރު، އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލޯކަލްކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ، ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކާއި މެދު މަޝްވަރާކޮށް އެކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިއްޔެ އާއި ރެއާ އި މިއަދުވެސް ގިނަ ވަގުތު ހޭދަކުރީ އެމަސައްކަތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި، އަޅުގަނޑުމެން މިވަނީ މިކަމަށް ޙައްލެއް ހޯދާފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޕާޓީގެ އާއްމުން މެމްބަރުން އެދޭ ގޮތަށް، ޕާޓީގެ މުޅި ލީޑަރޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާހިސާބަށް އައިއިރު ހޯދިފައިވާކަމަށެވެ. އަދި ކުރިޔަށްދާނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ލީޑަރޝިޕް އެކީގައި އޮވެގެން ކަމުގައިވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި މައްސަލަތައް އުފެދުނީ، ލޯކަލްކައުންސިލް އިންތިޚާބުގެ ކާމިޔާބީ އާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅު ދެއްކެވުމަށް ފުރުޞަތު ނުދިން ކަމުގައި ބުނެ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެޖަލްސާ ބޮއިކޮޓު ކުރުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ޗެއާޕަރސަން ޣަފޫރު ވިދާޅުވީ، ރައީސް ނަޝީދާއި، ފައްޔާޒު އެޖަލްސާގައި ވާހަކަފުޅު ދައްކަވަން ބޭނުންވާ ކަމުގައި ވިދާޅުވެ ގުޅުއްވީ އެރޭގައި ޖަލްސާ ފަށާ ވަގުތު ކުޑަތަން ވަމުން ދަނިކޮށެވެ.

އެމްޑީޕީގައި ތިބި ރައީސް ނަޝީދާއި ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ، ރައީސް ނަޝީދު ބޭނުންފުޅުވީ، އެޖަލްސާގައި ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ގޮވާލުމަށް ކަމަށެވެ. އަދި ޖަލްސާގެ އެޖެންޑާ ނިންމައި ފައިނަލްކޮށްފައި ވަނިކޮށް އެފުރުޞަތަށް އެދުމުން، ލީޑަރޝިޕާ މަޝްވަރާކޮށްލަން ވަގުތުކޮޅެއް ދިނުމަށް އެދިފައި ވަނިކޮށް، އެފުރުޞަތު ނުދީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ޖަލްސާ ބޮއިކޮޓްކުރީ ކަމަށްވެސް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް