ޖަލުގައި ހުންނަ ކަރެކްޝަންސްގެ ފިހާރައިގައި އަސާސީ ތަކެތިވެސް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާފުށީ ޖަލު --
މާފުށީ ޖަލުގައި، ގައިދީން ވިޔަފާރި ކުރުމަށާއި އަދި އާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތައް ވިޔަފާރި ކުރުމަށް ހުޅުވާފައިވާ ފިހާރައިިން އެންމެ އަސާސީ ތަކެތިވެސް ގަންނަން ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އާއިލީ ބައްދަލުވުމަކަށް، ޖަލަށް ޒިޔާރަތްކުރި ފަރާތަކުން ވަނީ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ. އާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް، ކާބޯތަކެތި ނުވެއްދޭ އިރު އެފަދަ ތަކެތި ގަންނަން ޖެހެނީ އެ ފިހާރައިންނެވެ. އެހެން ނަމަވެސް ކަންބޮޑުވުން ފާޅުކުރި ފަރާތުން ވަނީ، ފެންފުޅިއެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފިހާރައިގެ ހުސްރެކްތައް ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.
"މިއަދު އާއިލީ ބައްދަލުވުމަށް ދިޔައިރުަ ކަރެކްޝަންސްގެ ފިހާރަ ހުރި ޙާލަތު. ކުދިވެރިން ތިބެންޖެހުނީ ބަނޑަށް. މައުމޫން ދައުރު އެންމެ ކުޑަވެގެން ގެއިން ކާއެއްޗެއް ގެންދެވޭ!" ކަންބޮޑުވުން ފާޅުކުރި ފަރާތުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައި ވެއެވެ.
އެފިހާރައިން ނުލިބޭ ތަކެތީގެ ދިގު ލިސްޓެއްވެސް އެފަރާތުން ވަނީ އާއްމުކޮށްފައެވެ. އެލިސްޓުގައި ވާގޮތުން ކާބޯތަކެތީގެ އިތުރުން ގައިންތާހިރުވާން ބޭނުންވާ އެންމެ އަސާސީ ތަކެތިވެސް ހިމަނާފައި ވަނީ ނުލިބޭ ލިސްޓުގައެވެ.
ޖަލު ފިހާރައިން ގައިދީންނަށްވެސް އެންމެ އަސާސީތަކެތި ގަންނަން ނުލިބޭ ކަމުގެ ޝަކުވާތައް ގައިދީންވެސް ވަނީ، އެންމެ ފަހުން ޖަލަށްލި ނޫސްވެރިންނާއިވެސް ހިއްސާކޮށްފައެވެ. ޖަލު ފިހާރައިން އަސާސީ ގިނަ ބާވަތްތަކެއް ނުލިބޭ މައްސަލައިގައި ކަރެކްޝަންސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް