Post banner
ރާއްޖެ

ބޮންޑުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ސުޖާތާ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮންޑުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ސުޖާތާ އިސްތިއުފާ ދެއްވައިފި

ސުޖާތާ ހަލީމު --- ފޮޓޯ: ޕެންޝަން އޮފީސް

ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި އެކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ނުރަސްމީ މަސްދަރުތަކުން އެކަން ޔަޤީންކޮށްދިން ނަމަވެސް ސުޖާތާގެ އިސްތިއުފާ އާއި ގުޅޭ ގޮތުން ޕެންޝަން އޮފީހުންވެސް އަދި އެކަމަނާވެސް އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ސުޖާތާ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ސުޖާތާ އިސްތިއުފާ ދެއްވި ސަބަބެއް އެކަމަނާ އަދި ހާމަކުރައްވާފައި ނުވިނަމަވެސް އެކަމަނާ އިސްތިއުފާ ދެއްވާފައި މިވަނީ، ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމި ނިންމުމަށް 24 ގަޑިއިރުވެސް ނުވަނީހެވެ. ސަރުކާރުން އެ މުޢާމަލާތް ހިންގަން މަސައްކަތް ކުރަން ފެށީއްސުރެ މިހާތަނަށް ޕެންޝަން އޮފީހުގެ ބޯޑުންނާއި އިސްމަޤާމުތަކުން ގިނަ ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެ މުޢާމަލާތަކީ، ފައިސާ ޕްރިންޓްކުރުމާއި މަނީލޯންޑަރިންގެ ޢަމަލެއް ކަމުގައި ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށް އެ މުޢާމަލާތް ދިފާޢުކޮށް އިއްޔެ ޕެންޝަން އޮފީހުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައި ވަނީ، ޕެންޝަން އޮފީހަށް އެ މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ.

ސަރުކާރުން ކުރިޔަށް ގެންދާ މި މުޢާމަލާތުގެ ސަބަބުން ދިގުމުއްދަތުގެ އިޤުތިޞާދީ ގެއްލުންތައް ލިބޭނެ ކަމުގައި، އެ މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއަރ ޕަރސަންގެ މަޤާމުން އިސްތިއުފާ ދެއްވި އަޙްމަދު އިނާޒުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް