ވަޒީފާތަކުން މީހުން ވަކިކުރަމުން ދަނީ، ވަޢުދާއި ޚިލާފަށް ނޫންކަމުގައި ރައީސް ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ސަރުކާރާއި އަދި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުން، މީހުން ވަކިކުރަމުން ދަނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި ގޮތާއި ޚިލާފަށް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގައި، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ،
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ، ސިޔާސީ ވަޒީފާތައް ފިޔަވައި އެހެން ވަޒީފާތަކުގައި ތިއްބެވި އެއްވެސް މުވައްޒަފަކު ވަކި، ނުކުރެއްވުމަށެވެ. އަދި އެމަނިކުފާނަށް ތާޢީދު ކުރައްވައިގެން ނުވަތަ އޭރު އޮތް އެމްޑީޕީގެ ސަރުކާރާއި ދެކޮޅުވެރިވެގެން ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ، ސިވިލްސަރވިސްގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދެއްވުމަށްވެސް އޭރު އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވިދާޅުވުމުގެ މަފްހޫމަކީ، ކޮންމެ ހާލަތެއް މެދުވެރިވިޔަސް ވަޒީފާއިން ވަކިނުކުރެއްވުން ނޫންކަމަށެވެ. އަދި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހުމަކީ، ވަޢުދާ ޚިލާފުވުންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
"ވަޢުދުވެފައި އޮތީ، ކުންފުނިތަކުގައި މުވައްޒަފުން ބައިތިއްބަން. އެހެންވީމާ އެ މުވައްޒަފުން ހަމަ ކޮންމެ ފަދަ ގޮތަކަށް، އުޅެންވީ ހެއްޔޭ؟" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އޭގެ މިސާލެއްގެ ގޮތުގައި ރައީސް ޑރ، މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވީ، މުވައްޒަފަކު ވައްކަން ކުރުމުން، ނުވަތަ ކުންފުނީގެ ހަރުމުދަލަކަށް ގެއްލުން ދިނުމުންވެސް، ވަޒީފާއިން ނުކެނޑުމަކީ، އެއީ ވަޢުދާއި އެއްގޮތަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމުގައި އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ކަމަށެވެ.
ކުންފުނިތަކުގެ ވަޒީފާތަކުން އެއްވެސް މުވައްޒަފަކު ވަކިނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި އިރު، ކުންފުނިތައް ރައިޓްސައިޒް ކުރުމަށްކަމަށް ބުނެ ބޮޑެތި ކުންފުނިތަކުން އަންނަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ.
މިގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، ފެނަކައިން އަންނަނީ އެކުންފުނިން ޔޫޓިލިޓީ ޚިދުމަތްތައް ދެމުން އަންނަ ރަށްރަށުގެ ޚިދުމަތްތައް ސްޓެލްކޯ އާއި ހަވާލުކުރަމުންނެވެ. މިގޮތަށް ހަވާލުކުރާ ރަށްރަށުގެ ގިނަ އަދަދެއްގެ މުވައްޒަފުން ސްޓެލްކޯގެ ވަޒީފާއަށް ނުނެގުމުން، އެރަށްރަށުގައި ފެނަކައިގެ ވަޒީފާތަކުގައި ތިބި އެތައް ބައެއްގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް