ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން 5 ޖަމްއިއްޔާއަކުން ގޮވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން --
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން އަމިއްލަ 5 ޖަމްއިއްޔާއަކުން ގޮވާލައިފިއެވެ.
މި ނޫސްބަޔާން ނެރެފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އާއި އީކުއަލް ރައިޓްސް އިނިޝިއޭޓިވް (އީ.އާރް.އައި) ގެ އިތުރުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އަދި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ) އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދި މޯލްޑިވްސް (އޭޑީއެމް) އާ ގުޅިގެންނެވެ.
މި ނޫސްބަޔާނުގައި ބުނީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީ ކަމަށް ބުނެ އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވި އެންގެވުމަކީ ގާނޫނުން ލިބިދޭ ހައްގުތަކާއި އިންސާނީ ހައްގުތައް ނިގުޅައި ގަނެވޭ، ވަކި ބަޔަކު ފާހަގަކޮށް ތަފާތުކުރެވޭ ކަމެއް ކަމަށެވެ.
އަދި މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ގާނޫނުއަސާސީން އެމީހުންނަށް ލިބިދޭ ހައްގުތައް ހަނިކޮށް، އެމީހުންނަށް އެއްތަނުން އަނެއް ތަނަށް މިނިވަންކަމާއެކު ދިޔުމުގެ ހައްގުތަކަށް އަރައިގަނެވޭ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ވެސް ފާޅުކަންބޮޑު ގޮތެއްގައި ހިލާފުކަމެއް ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.
މީގެ އިތުރުން، މިފަދަ ނިންމުންތަކަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބިރުވެރިކަން އުފެދި، އެމީހުންނާ ދެކޮޅަށް އާންމުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކޮށައިދެވޭ މަގެއް ކަމަށް ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރައީސްގެ މި ނިންމެވުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ނެރުނު ބަޔާން ތަންފީޒުކޮށް، ރެއިން ފެށިގެން އަމަލުކުރަމުންދާ ގޮތް ބަލައި، އެކަންކަމުން ނިކުންނާނެ ގާނޫނީ ފުށުއެރުންތައް ފާހަގަކޮށް މިކަމަށް ހައްލެއް ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް