ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ޕޮލިސް ސްޓޭޝަން --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސްމީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ ރޭ މެންދަމުން އަލިވެ، 2:55 ހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައި ވަނީ، ދެ ސައިކަލު ޖެހިގެން ކަމަށާއި، މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުން ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި ކަމަށާއި، އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
ދެ ސައިކަލު ޖެހި އެކްސިޑެންޓް ހިނގި އިރު، އެއް ސައިކަލުގައި 3 މީހުން ތިބިކަމަށް އެކްސިޑެންޓްގެ މަންޒަރު ފެނުނު ބައެއް މީހުން ބުނެފައި ވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް