ފާޚާނާއިން ފެން ހިންދަން މަތީ ފްލެޓުން ފަޅާލީ ހޮޅި، ތިރީ ފްލެޓް މީހުން ގޮތް ހުސްވެފައި
MARIYAM ZAHA JAMEEL
ލިޔުންތެރިޔާ
އަލަށް މީހުން ދިރިއުޅެން ފެށި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އުދަރެސް 16 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ފާޚާނާއަށް ފެން ފޭބުމުގެ މައްސަލައަށް ހައްލެއް ނުލިބި އެކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އުދަރެސް 16 ވަނަ ޓަވަރުގެ މާސްޓަރ ބެޑްރޫމުގެ ފާޚާނާތެރެއަށް ފެންފައިބަމުން ދަނީ، މަތީ ފާޚާނާގެ ޑްރައިނޭޖްގެ ތެރެއަށް ދަގަނޑެއް ނުވަތަ އެނޫންވެސް އެއްޗެއް ކޮއްޕައި ހޮޅި ފަޅާލުމުން ކަމުގައި ވަނީ ފާހަގަކުރެވިފައެވެ.
އެފްލެޓްގައި ދިރިއުޅޭ އާއިލާއިން ބުނީ، އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުންފެށިގެން ފާޚާނާގެ ސީލިންގުން ފެންފައިބާތީ، ސީލިންގ ނައްޓައިގެން ބެލި އިރު، ޑްރައިނޭޖް ހޮޅި ހުރީ ފަޅާލާފައި ކަމަށެވެ. އެހެންވެ އެމައްސަލަ ހައްލުކޮށްދިނުމަށް ފަހިދިރިއުޅުން ފްލެޓްތަކުގެ މެއިންޓަނަންސް ބަލަހައްޓާ ފަރާތުގެ ކިބައިން ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އެދިފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން ހައްލުކޮށްދީފައި ނުވާކަމަށެވެ.
"އިރު އިރުކޮޅާ ފެންތައް ފައިބައިގަނޭ. މުޅި ފާޚާނާތެރެއަށް މަތިން ނަޖިސްފެން މިފައިބަނީ. މެއިންޓަނަންސް ބަލަހައްޓާ މީހުންނަށް ގުޅީމާ ދެފަހަރަކު އައިސް ފޮޓޯ އާއި ވީޑިއޯ ނަގައިފި. މިހާރު އަހަރެމެންގެ ފޯނުން ގުޅީމަކާ ނުގުޅޭ. އެހެން މީހެއްގެ ފޯނުން ގުޅައިފިއްޔާ އެބަ ގުޅޭ. މައްސަލައަކަށް ހައްލެއް ނުލިބޭ." އެ ފްލެޓްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
މީގެ އިތުރުން އެމީހުންގެ އަނެއް ކަންބޮޑުވުމަކީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވެފައި ސަރުކާރު ބަންދު ދުވަހަކަށް ވުމުން މައްސަލަ ހައްލު ނުވެ އަނެއްކާވެސް އިތުރު ދުވަހެއް ވޭތުވެގެންދާނެ ކަމުގެ ކަންބޮޑުވުމެވެ.
ސޯޝަލް ހައުސިންގ ފްލެޓްތައް ހަދާފައި ހުންނަ ގޮތުން، މަތީ ފްލޯގެ ފާޚާނާތަކުގެ ހޮޅިތައް ހުންނަނީ، ތިރީ ފްލޯގެ ފާޚާނާގެ ސީލިންގ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް