ލުއި ޚަބަރު

އިންސާނުން ހަނދަށް ދިޔަތާ ބައި ގަރުނު ފަހުން އަނެއްކާވެސް ނާސާއިން ހަނދަށް މިސްރާބުޖަހައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންސާނުން ހަނދަށް ދިޔަތާ ބައި ގަރުނު ފަހުން އަނެއްކާވެސް ނާސާއިން ހަނދަށް މިސްރާބުޖަހައިފި

އާރޓަމިސް 2 މިޝަންގެ ބައިވެރިންނަކީ ރީޑް ވައިސްމޭން، ވިކްޓަރ ގްލޯވަރގެ އިތުރުން ކްރިސްޓީނާ ކޮޗް އާއި ކެނަޑާއަށް ނިސްބަތްވާ ޖެރެމީ ހެންސަން -- ފޮޓޯ: ނާސާ / ޖޭމްސް ބްލަޔަރ

އިންސާނުން ހަނދަށް ކުރި ދަތުރުގެ 54 އަހަރު ފަހުން އެމެރިކާގެ ނާސާއިން އަނެއްކާވެސް އާޓެމިސް 2 ގެ ދަތުރު ފަށައިފިއެވެ.

އާރޓަމިސް 2 ގެ މަގުސަދަކީ ހަނދުގައި ޖެއްސުމުގެ ބަދަލުގައި ހަނދު ވަށައިގެން ދަތުރުކުރުމަށްފަހު އެނބުރި ދުނިޔެއަށް އައުމެވެ. މި ދަތުރުގައި ހަނދު ފަހަނައަޅާ އެތައްހާސް މޭލު ދުރަށް ދަތުރުކުރާނެކަމަށް ނާސާއިން މައުލޫމާތުދެއެވެ.

އަދި މި މިޝަންގެ ބައިވެރިން "ޑީޕް ސްޕޭސް ރޭޑިއޭޝަން" ތަޖުރިބާކޮށް، މިފަދަ އެހެން ދަތުރުތަކުގައި ބޭނުންވާނެ ސަލާމަތީ ނިޒާމާއި، ލައިފް ސަޕޯޓުގެ އިތުރުން އެހެނިހެން އާލާތްތައް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާރޓަމިސް 2 ގެ މިޝަންއަކީ މީގެ ފަސް އަހަރު ކުރިން އަޖުމަބެލުމުގެ ގޮތުން ޖަށްވަށް ފޮނުވި އާޓެމިސް 1ގެ ކާމިޔާބީއަށް ބިނާކޮށްފައި ކުރިއަށް ގެންދިޔުމަށް ނާސާއިން ނިންމި މިޝަންއެކެވެ.

އާޓަމިސް 2 މިޝަންގައި ހަތަރު އެސްޓްރޮނޯޓުން ހަނދަށް ދަތުރުކުރާއިރު އެމީހުން ދަތުރުކުރަނީ 'އޮރައިއަން' އުޅަނދުގައެވެ. އެ މީހުން ދަތުރުކުރާނީ 406،773 ކިލޯމީޓަރެވެ. މި ދުރުމިނަކީ އައު ރިކޯޑަކަށް ވެގެންދާނެކަމަށް ނާސާއިން މައުލޫމާތުދެއެވެ.

އެގޮތުން، މިހާރުގެ ރިކޯޑަކީ ނާސާގެ އެޕޯލޯ 13 މިޝަންގައި 1970 ވަނަ އަހަރު 3 އެސްޓްރޮނަޓުން ދަތުރުކުރި 400،171 ކިލޯމީޓަރު ދުރުމިންކަމަށް ނާސާއިން ހާމަކުރެއެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުން އޮރައިއަން ސްޕޭސްކްރާފްޓް ޖަށްވަށް ދަތުރުފެށީ ފްލޮރިޑާގެ ގަޑިން އިރުއޮއްސި 18:35 ގައެވެ.

ތާރީހީ މި މިޝަންގެ ބައިވެރިންނަކީ ރީޑް ވައިސްމޭން، ވިކްޓަރ ގްލޯވަރގެ އިތުރުން ކްރިސްޓީނާ ކޮޗް އާއި ކެނަޑާއަށް ނިސްބަތްވާ ޖެރެމީ ހެންސަންއެވެ.

ޖުމްލަ ދިހަ ދުވަހުގެ މި ދަތުރު ނިންމާލުމަށްފަހު އޮރައިއޮން އަނބުރާ ދުނިޔެ އަންނާނީ މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އެނބުރި ދުނިޔެއަށް އަންނައިރު މި އުޅަނދު ވެއްޓޭނެ ކަމަށް ލަފާކޮށްފައިވަނީ ޕެސިފިކް ކަނޑަށެވެ.

އާރޓަމިސް 2 އަކީ ނާސާގެ އާރޓަމިސް ޕްރޮގްރާމްގެ ދެވަނަ ޝެޑިއުލް ދަތުރެވެ. ނާސާއިން ބުނާ ގޮތުގައި އާރޓަމިސް 2 ގެ މި ދަތުރުގައި ސިދާ ހަނދު މައްޗަށް މި ދަތުރުގެ ބައިވެރިންނަށް ނުފޭބުނު ކަމުގައި ވީނަމަވެސް، މި ދަތުރުގެ ހަގީގީ މަގުސަދަކީ 2027 ވަނަ އަހަރު އާރޓަމިސް 3 ހަނދަށް ޖެއްސުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް