ރާއްޖެ

ޚިޔާލު ހޯދުމުގެ ވޯޓުގެ ކަންތައްތައް ސަރުކާރުން ކުރިޔަށް ގެންދަނީ ޤާނޫނާއި ޚިލާފަކަށް ނޫން: އޭޖީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޚިޔާލު ހޯދުމުގެ ވޯޓުގެ ކަންތައްތައް ސަރުކާރުން ކުރިޔަށް ގެންދަނީ ޤާނޫނާއި ޚިލާފަކަށް ނޫން: އޭޖީ

ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިގޮތަށް ވިދާޅުވީ، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ހުއްޓުވުމަށް، ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން އެއްމައްސަލައަކީ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް، ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ ހުށައަޅުއްވާފައިވާ މައްސަލައެކެވެ. އަނެއް މައްސަލައަކީ، ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށައެޅުއްވި މައްސަލައެކެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތަޢާރަފުކުރާ އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ޤާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވީކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެނޫންގޮތަކަށް މިނޫންގޮތަކަށް މާނަކުރުމަކީ ޤާނޫނީ އަދި ދުސްތޫރީ އުޞޫލުތަކާ ތައާރަޞްވާނެ ކަމެއް ކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެކެވެ. އެގޮތުން، އެންމެ ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ. ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް