Post banner
ރާއްޖެ

މަހުދީ ނިޔާވި ހާދިސާގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބެއް ރައީސަށްވެސް އެނިގިވަޑައިނުގަންނަވާ!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަހުދީ ނިޔާވި ހާދިސާގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބެއް ރައީސަށްވެސް އެނިގިވަޑައިނުގަންނަވާ!

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ---

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާ އާއިގުޅިގެން ފުލުހުންފެށި ކަމަށް ބުނާ ތަޙްޤިޤާއި ގުޅޭ އަދާހަމަ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމުގައި، ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަހުދީ ނިޔާވި ހާދިސާ އާއި ގުޅިގެން ފުލުހުން ފެށިކަމަށް ބުނާ ތަޙްޤީޤުގެ މައުލޫމާތު ފުލުހުން ޙިއްޞާ ނުކުރާ މައްސަލައިގައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، މަޙްދީ ނިޔާވި ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެމަނިކުފާނަށްވެސް ދެންނެވެން އޮތީ އެހާދިސާ ތަޙްޤީޤުކުރަމުންދާކަން ކަމަށެވެ. އަދި އެހާދިސާގެ ތަޙްޤީޤާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާދިސާ ހިނގައިގެން ދިޔަ ގޮތް ތަޙްޤީޤުކުރަމުންދާކަން އަޅުގަނޑުވެސް ދަންނަވާލަން ބޭނުން. އަޅުގަނޑަށް ލިބިފައިވާ މައުލޫމާތަކީ އެއީ. އެހެން ނަމަވެސް އެންމެ ލޭޓެސްޓް އަޕްޑޭޓެއް ހަމަ މިތާކު ނެތް. އަޅުގަނޑަށް ލިބިފައެއް ޙިއްޞާކޮށްލާކަށް. އެހެން ނަމަވެސް ފުލުހުންނާއި، ސިފައިން އެބޭފުޅުންގެ ތެރޭ އޮންނަ ސެޓަޕްގެ ތެރެއިން އެކަން ބައްލަވަމުންދާކަން އަޅުގަނޑަށް އެނގިފައި އޮތީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މަޙްދީ ނިޔާވީ، މެއި މަހުގެ 16ވީ ހޮނިހިރު ދުވަހުގައެވެ.

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް އެކަމުގައި ސުވާލު އުފައްދަމުން ދަނިކޮށް، މަހުދީ ނިޔާވި މައްސަލަ ތަޙްޤީގު ކުރަމުންދާކަމުގައި ފުލުހުން ހާމަކުރީ އޭގެ 4 ދުވަސް ފަހު، 2026 މެއި 20 ވަނަ ދުވަހުގައެވެ. އެދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވީ، އެކަށީގެންވާ ވަޞީލަތާއި ތަކެތި ނެތި، 58 މީޓަރު ފުނުގައިވާ، ހޮހަޅައަށް ފީނުމުގެ ތެރޭގައެވެ. މަހުދީ ނިޔާވީ، ހާލުދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމުގައި، އެމްއެންޑީއެފުން ބުނެފައި ވީނަމަވެސް، އެއީ އެމްއެންޑީއެފުން ހަދާފައިވާ "ދޮގެއް"ކަމުގައި ވަނީ ބެލެވިފައެވެ. އެހެން ހާދިސާތަކުގައި މީހުންގެ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަން ނުވަތަ ނޫންކަން، ހޮސްޕިޓަލުން މީޑިއާތަކަށް ޔަޤީންކޮށްދޭއިރު، މަހުދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިތޯ ނުވަތަ ނޫންތޯ ހޮސްޕިޓަލަށް ހުށައެޅި ސުވާލަށް އޭޑީކޭ ހޮސްޕިޓަލުންވެސް ޖަވާބެއް ނުދިނެއެވެ.

އެކަށީގެންވާ ވަޞީލަތްތައް ނެތި، އެމްއެންޑީއެފްގެ އެ އޮޕަރޭޝަން ހިންގާފައި ވަނީ، ޑައިވަރުން ނުރައްކަލަށް ހުށައަޅައިގެން ކަމުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރޖެނެރަލް މުޙައްމަދު ސަލީމް، 15 މެއި 2026 ވަނަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް