ރާއްޖެ

ގުދަށް އޮވެ ފާހަގަޖަހައި، ގުދަށް އޮވެ ވޯޓު ކަރުދާސް ފޮއްޓަށް ލާންޖެހޭތީ އާއްމުން ޝަކުވާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގުދަށް އޮވެ ފާހަގަޖަހައި، ގުދަށް އޮވެ ވޯޓު ކަރުދާސް ފޮއްޓަށް ލާންޖެހޭތީ އާއްމުން ޝަކުވާކޮށްފި

ރެހެންދި ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް މީހުން ވޯޓުލަނީ --

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުގެ ވޯޓުގައި ވޯޓުފޮށިތައް ތަޅުންމަތީގައި ބަހައްޓާފައި ހުރުމުން، ފޮއްޓަށް ވޯޓުކަރުދާސް ލުމަށާއި، ފޮށީގެ ލޭބަލް ކިޔަން ގުދުވާން ޖެހޭތީ އާއްމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އާއްމުކޮށް އިންތިޚާބުތަކުގައި ވޯޓިން ބޫތު ހަދާފައި ހުންނަނީ، ގުދުވެގެން އޮވެ ފާހަގަ ޖަހަން ޖެހޭ ގޮތަށް ނަމަވެސް، ސީދަލަށް ކޮޅަށް ހުރެ ފޮއްޓަށް ވޯޓު ލެވޭގޮތަށް، މީގެ ކުރިން ވޯޓުފޮށިތައް ބަހައްޓަމުން އައީ މޭޒެއްގެ މަތީގައެވެ. އެހެން ނަމަވެސް މިއަދު ކުރިޔަށްދާ އިންތިޚާބުގައި، ވޯޓުލާ ކޮންމެ މަރުކަޒެއްގައިވެސް ވަކި ތިން ފޮށި ހުންނައިރު، އެފޮށިތައް ބަހައްޓާފައި ހުރީ، ތަޅުން މަތީގައެވެ. އެހެންވެ ފޮށީގެ ލޭބަލް ކިޔާށާއި ވޯޓު ކަރުދާސް ލުމަށްޓަކައި މީހުން ޖެހެނީ ގުދުވާށެވެ.

"މިއީ މިކަން ކުރާ ގޮތްތައް. ފޮށީގައި ލިޔެފައި ހުރި އެއްޗެއް މިކިޔަން ޖެހެނީ ގުދުވެގެން އޮވެގެން. ކަރުދާސް ފޮއްޓަށް ލެވެނީ ގުދުވެގެން. އަހަރެމެން މުސްކުޅިން ކިހިނެއް މިކަން ކުރަނީ." ރެހެންދި ސްކޫލުގައި ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުފޮށިތައް ބަހައްޓާފައި ހުރި ރެހެންދި ސްކޫލުގެ ވޯޓު ފޮއްޓެއްގެ ކިޔޫގައި ހުރި އުމުރުން ދުވަސްވީ މީހަކު ޝަކުވާކުރިއެވެ.

އޭނާގެ ޝަކުވާއަކީ، އިންތިޒާމް އުނދަގޫވުމެވެ. ޚާއްޞަކޮށް ފޮށިތައް ތަޅުންމަތީގައި ބަހައްޓާފައި ހުރުމުންނެވެ. ބަލި މީހުންނާއި މުސްކުޅިންގެ ތެރެއިން ކިޔޫގައި ތިބި ވަރަށް ގިނަ މީހުން އެޝަކުވާ ކުރިއެވެ. އަދި އެމީހުން އެޝަކުވާ އޮފިޝަލުންނަށްވެސް ހުށައެޅިއެވެ. އެހެން ޝަކުވާތަކާއި ގުޅިގެން އިރުކޮޅަކަށް ވޯޓުލުން މެދު ކަނޑާލުމަށްފަހު އަލުން ފެށީވެސް ފޮށިތައް ތަޅުން މަތީގައި ބަހައްޓައިގެންނެވެ.

މީގެ އިތުރުން، ވޯޓު ކަރުދާސް ފޮށިތަކަށް ލުމުގައި އޮޅުންބޮޅުން ބޮޑު ކަމަށް ބުނެވެސް ބައެއް މީހުން ޝަކުވާކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް