ރައީސްގެ ހެޔޮ ބަދަލުގެ ތެރެއިން ބައެއް މީހުންނަށް އާއިލީ ގުޅުމުގެ ސަބަބުން ވަޒީފާ ގެއްލެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެނަކައިން ދެމުން އައި އަތޮޅުތަކުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަމުން ދަނީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ބުނެފައި ވާއިރު، ސްޓެލްކޯގެ ދަށަށް ބަދަލުކުރާ ތަންތަނުގައި ތިބި އާއިލީ ގުޅުން އޮންނަ މީހުން ވަޒީފާތަކުން ވަކިކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، ސްޓެލްކޯގެ ސިޔާސަތު އޮންނަ ގޮތުން، އެއްބަނޑު އެއްބަފާ މީހުންނާއި، މައިން ބަފައިންނާއި ދަރިން ފަދައިން އާއިލީ ގާތްގުޅުން އޮންނަ މީހުންނަށް އެއްކޮށް އެކުންފުނީގައި ވަޒީފާ އަދާ ނުކުރެވޭނެ ކަމަށެވެ. އެހެންވެ އެކުންފުނިން ޔުޓިލިޓީ ޚިދުމަތްތަކާއި ހަވާލުވާ ރަށްރަށުގެ އިންޖީނުގެތަކުގައި، އާއިލީ ގާތްގުޅުން އޮންނަ މީހުން އެކުގައި ވަޒީފާ އަދާކުރާނަމަ އެމީހުންގެ ތެެރެއިން ސްޓެލްކޯގެ ވަޒީފާއަށް ނަގާނީ ކޮންމެވެސް އެކަކު ކަމަށެވެ. އަދި އެހެން މީހުން އެކުންފުނީގެ ވަޒީފާއަށް ނުނަގާނެ ކަމަށެވެ.
އަތޮޅުތެރޭގެ އާބާދީ މަދު ކުދި ރަށްރަށުގެ ފެނަކަ އިންޖީނުގެތަކާއި، ސްޓެލްކޯއިން ހަވާލުވަމުން އަންނައިރު، އެތަންތަނުގައި ފެނަކައިގެ ވަޒީފާގައި ތިބި އާއިލީ ގާތްގުޅުން އޮންނަ މީހުން ވަޒީފާއަށް ނުނަގައި ދޫކޮށްލުމާއިއެކު އާއިލާތައް ބިކަވެ ހާލުގައި ޖެހެމުންދާކަމުގެ ކަންބޮޑުވުން އާއިލާތަކުން ވަނީ ފާހަގަކޮށްފައެވެ.
މެދުރާއްޖެތެރޭގެ ރަށެއްގައި އެންމެ ފަހުން ސްޓެލްކޯއިން ހަވާލުވި، އަތޮޅުވެރިކަން ކުރާ ރަށެއްގެ އިންޖީނުގޭގައި ތިބި އެއްބަނޑު އެއްބަފާ ދެބެންގެ ތެރެއިން ހަގުމީހާއަށް ވަނީ ސްޓެލްކޯގެ އުސޫލުގެ ސަބަބުން ވަޒީފާ ގެއްލިފައެވެ. އެއްބަނޑު އެއްބަފާ ދެމީހުން ނަމަވެސް އެދެމީހުންނަކީ ވަކިން އަމިއްލަ ދެ އާއިލާއެއް ބަލަހައްޓަމުން އަންނަ ދެމީހުންނެވެ.
އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ފަރާތުން ބުނީ، ދެމީހުންނަކީވެސް، ފެނަކައިން ވަޒީފާއަށް އިޢުލާނުކުރުމުން ވަޒީފާއަށް ކުރިމަތިލައިގެން ވަޒީފާ ލިބުނު ދެބެން ކަމަށެވެ. އެކަކު ފެނަކައިގައި އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވިއިރު އަނެކަކު ފެނަކައިފައި ވަޒީފާ އަދާކުރާތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ފެނަކައިން އަންނަނީ އެކުންފުނި ރައިޓް ސައިޒް ކުރުމަށް، ކުންފުނީގެ ވަޒީފާތަކުން މީހުން މަދު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި، ފެނަކައިން ދެމުން އަންނަ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީވެސް ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާގެއްލުވާލުމެވެ. ސްޓެލްކޯ އާއި ޔުޓިލިޓީ ޚިދުމަތްތައް ހަވާލުކުރާއިރު، އެ ހަވާލުވާ ތަންތަނުގައި ތިބޭ މުވައްޒަފުންގެ ތެރެއިން ސްޓެލްކޯއަށް ނަގަނީ، ސްޓެލްކޯއިން ކަނޑައަޅާ ޝަރުޠުތައް ފުރިހަމަވާ މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް