ރާއްޖެ

މަސްލަޙަތު ގެއްލޭގޮތަށް ވާހަކަ ފެތުރުމުން ހިތާމަކުރަން: ޣަފޫރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްލަޙަތު ގެއްލޭގޮތަށް ވާހަކަ ފެތުރުމުން ހިތާމަކުރަން: ޣަފޫރު

އެމްޑީޕީން ރޭ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ އާއި ގުޅިގެން މަސްލަޙަތު ގެއްލޭ ގޮތަށް ފެތުރި ވާހަކަތަކާއި މެދު ހިތާމަފުޅު ކުރައްވާކަމުގައި އެމްޑީޕީގެ ޗެއާޕަރސަން ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައި ނުގެންނެވީ އެޖަލްސާގައި އެމަނިކުފާނަށް ވާހަކަފުޅު ދައްކަވަން ފުރުޞަތު ނުލިބޭތީކަމުގައި އެނގިފައިވެއެވެ. އެކަމާއި ގުޅިގެން އެމްޑީޕީގައި ތިބި ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ވަނީ، ޖަލްސާ ހިނގަމުން ދިޔައިރު އަޑުގަދަކޮށް ހަޅޭލަވައި ހަމަނުޖެހުން އުފެއްދުމަށްވެސް މަސައްކަތް ކޮށްފައެވެ.

އެކަން ހިނގާދިޔަ ގޮތް ތަފްޞީލްކޮށްދެއްވައި، އެމްޑީޕީގެ ޗެއާޕަރސަން ޢަބްދުލްޤަފޫރު މޫސާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރޭ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސާއި ޕާޓީގެ ޗެއަރޕާސަނާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރ ވާހަކަ ދައްކާ ގޮތަށް އެކަނި ކަމަށެވެ.

އެގޮތަށް ހަމަޖައްސާފައި ވަނިކޮށް، އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެގެން ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް އެދިވަޑައިގެންނެވި ކަމަށެވެ.

އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންނެވުމަށްފަހު، އަލުން ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ އާއްމު މެމްބަރެއްގެ ގޮތުގައެވެ.

ޣަފޫރު ވިދާޅުވީ، އެފުރުޞަތު އެބޭފުޅުންނަށް ހަމަހަމަ ގޮތެއްގައި ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅުކުރައްވަނިކޮށް މަސްލަޙަތު ގެއްލޭ ގޮތަށް ވާހަކަތައް ފެތުރިގެން ދިޔުމުން ހިތާމަކުރައްވާ ކަމަށެވެ.

"އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން. އުންމީދު ކުރަނީ މި ކާމިޔާބީއާ އެކު، ބަދަހިކޮށް މި ޕާޓީ ބޭއްވުމަށް ތިޔަ އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް" ޣަފޫރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ތާޢީދު ކުރެއްވީ، ސަރުކާރުން ހުށައެޅުއްވި ގޮތަށް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ފަހުން ޚިޔާލު ބަދަލުކުރައްވައި، ރައީސް ނަޝީދު އެމްޑީޕީގެ މެމްބަރުންނާއި އެކު ކެމްޕޭނަށް ނުކުމެވަޑައިގެންނެވީ، ކެމްޕޭނުގެ އެންމެ ފަހު ހަފްތާގެ ތެރޭގައެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީއަށް ކާމިޔާބުވީ ރައީސް ނަޝީދު ކެމްޕޭނަށް ނުކުންނެވުމުން ކަމުގައި ފާހަގަކުރާއިރު، އެމަނިކުފާނާއި އިދިކޮޅު ޚިޔާލުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ، އުކުޅަހާއި މާފުއްޓާއި ވިލުފުށިފަދަ އެމްޑީޕީގެ މެޖޯރިޓީ ދާއިރާތައް އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނު ސަބަބާއި ގުޅޭ ގޮތުން ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް