ރާއްޖެ

ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ވޯޓުލީ މީހުންނަށްވުރެ ރެފަރެންޑަމްގައި ދެކޮޅަށް ވޯޓުލީ މީހުންގެ އަދަދު ގިނަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ވޯޓުލީ މީހުންނަށްވުރެ ރެފަރެންޑަމްގައި ދެކޮޅަށް ވޯޓުލީ މީހުންގެ އަދަދު ގިނަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލަައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށައެޅި ވިސްނުމާއި ދެކޮޅަށް ވޯޓުލީ މީހުންގެ އަދަދު، ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދިން މީހުންގެ އަދަދަށްވުރެ ގިނަ ވެއްޖެއެވެ.

ވޯޓުގެ ފައިނަލް ވަގުތީ ނަތީޖާ ސާފުވަމުން އަންނައިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެެޅުމާ ދެކޮޅަށް 130,919 މީހުން ވަނީ ވޯޓު ދީފައެވެ. އެއީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ވޯޓުދިން މީހުންގެ ނިސްބަތުން %100ވުރެ މަތީ އަދަދެކެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ، 129،159 މީހުންގެ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54 އެވެ.

އިއްޔެ ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަކީ، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމާއި އެކު، މަޖިލީހުގެ ދައުރުން 6 މަސް ކުރުވެގެންދާ ގޮތަށް، ސަރުކާރުން ޤާނޫނު އަސާސީއަށް 8 އިސްލާޙް ގެނައުމަށް ހުށައަޅައި މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ %70 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ނުފެންނަ ކަމަށް ވޯޓުދީފައެވެ،

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ ކުރިންވެސް އިދިކޮޅާއި ސަރުކާރުންވެސް ބުނެފައި ވަނީ އެވޯޓަކީ، ސަރުކާރަށް އޮތް ތާޢީދު ހާމަވެގެންދާނެ ވޯޓެއް ކަމަށެވެ. ކައުންސިލް އިންތިޚާބުގައިވެސް އާދަޔާ ޚިލާފު ބޮޑުބައްޔަކާއި ސަރުކާރު ކުރިމަތިލާން ޖެހުނު އިރު، ފެންނަ ނުފެންނަ ވޯޓާއި އެކު ސަރުކާރުގެ ޤާނޫނީ ހައިޞިއްޔަތު ގެއްލިއްޖެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައި އަވަސް އިންތިޚާބަކަށް ދާންޖެހޭނެ ކަމުގައި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް