އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރަން އިލްތިމާސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިރޭ އާއްމުކުރި ބަޔާނުގައި ވަނީ، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތަކުގައި މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށްވެސް އަންގާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވާނެކަންވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް