ނޫސްވެރިން ޖަލަށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޓްރާންސްޕޭރެންސީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ޝަހުޒާނަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެއް، ލީވާންއަށް އިއްވީ 10 ދުވަހުގެ ޖަލު ހުކުމެއް --- ފޮޓޯ: ދައުރު
ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ވަގުތުން ވަގުތައް މިނިވަންކުރުމަށް ގޮވާލާފައެވެ.
އެ ޖަމްއިއްޔާއިން ވަނީ މި މައްސަލައިގައި ޝާމިލްވާ ނޫސްވެރިންނަށް ގާނޫނީ ވަކީލުން ހޯދުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭކަމަށް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްފައިވާ ހައްގުތަކާއި ލިބިދޭ ދުސްތޫރީ ހިމާޔަތްތަކާއި ފުށުއަރާ ގޮތަށް ނިންމި ނިންމުމެއް ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޯޓު ހުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، ލީވާން އަލީ ނާސިރު އިއްޔެ ހެނދުނު ކޯޓަށް ހާޒިރުކޮށްފައިވާއިރު މުޙައްމަދު ޝަހުޒާން ކޯޓަށް ހާޟިރުކޮށްފައި ވަނީ، އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި، ޝަހުޒާނަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ލީވާން ޢަލީ ނާޞިރަށް އިއްވީ 10 ދުވަހުގެ ޖަލު ޙުކުމެކެވެ. މި މަރުހަލާގައި އެ ދެނޫސްވެރިންވެސް ކޯޓަށް ހާޟިރުކުރުމަށް ފަހު، ވަކީލަކު ޢައްޔަނުކުރަން ދީފައި ވަނީ، 2 ގަޑިއިރުގެ ވަގުތެކެވެ.
ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލު ކުރުމުންނެވެ. ލީވާން ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމާފައި ވަނީ، ލީވާންގެ ނަމުގައި ލިޔެ ޝާއިޢުކުރި ޚަބަރުގައި، ކުރިމިނަލްކޯޓުގެ އަމުރުގައި ނުދެއްކުމަށް އަމުރުކޮށްފައިވާ ވާހަކަތަކެއް ހިމަނާފައި ވުމުންނެވެ.
ލީވާނާއި ޝަހުޒާން ޖަލަށްލުމާއި ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިޙުކުމްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުންފާޅުކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް