ތެލުގެ ދަތިކަން ބޮޑުވެ މެލޭޝިއާގައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން މެލޭޝިއާގައި ތެލުގެ ދަތިކަން ވަރަށް ބޮޑުވެ، ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިކަން އިޢުލާނު ކުރައްވާފައި ވަނީ މިއަދުއެވެ. މިގޮތުން މެލޭޝިއާގެ ސަރުކާރުގެ މިނިސްޓްރީތަކާއި، އިދާރާތަކާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ ހުރިހާ މުވައްޒަފުން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭގައި ތިބެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަން ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ، އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން، މުޅި ދުނިޔެއަށް ޚާއްޞަކޮށް އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ތެލުގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ.
ތެލުގެ ދަތިތަކާއި ގުޅިގެން މެލޭޝިއާގައި ތެޔޮވިއްކުމަށްވެސް ވަނީ ކޯޓާ ކަނޑައަޅާފައެވެ.
މިއަދު މެލޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ޕެޓްރޯލް ލީޓަރެއްގެ އަގު، 4.95 ރިންގިޓް (18.74ރ) އަށް އަރާފައި ވާއިރު، ޑީސަލް ލީޓަރެއްގެ އަގުވަނީ، 6.02 ރިންގިޓް (22.80ރ)އަށް އަރާފައެވެ.
މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައަށް 33 ދުވަސްވެފައި ވާއިރު، މުޅި ދުނިޔެ ތެލަށްޖެހި، އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވަމުން އަންނަ ކަމުގައި އިޤުތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް