އަޑިޔަށް ދިޔަ ދޯންޏާއި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފްރެންޑް 4 ދޯނި އަޑިޔަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން.
ބުދަ ދުވަހުގެ ރޭ ހުވަދޫކަނޑަށް އަޑިޔަށް ދިޔަ، ފްރެންޑް 4 ދޯންނާއި، އެދޯނި އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު. ސަލާމަތީ ޚިދުމަތްތަކުގެ ދެ އޮފިސަރުންނާއި، ދޯނީގެ ކެޕްޓަން ހޯދުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތަށް ބޭރުގެ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ޑިފެންސާއި އެމްއެންޑީއެފާއި އަދި ހޯމް މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކަމަށެވެ.
އަދި ގެއްލުނު މީހުން ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ބުދަ ދުވަހުގެ ރޭ ފްރެންޑް 4 ދޯނި ބަންޑުން ޖަހާލީ، އޭގައި ތިބި މީހުން ސަލަމާތްކޮށް ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ވަޒީފާއަދާކުރަމުން ދިޔަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަޙްމަދު (39އ) އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ، ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް