Post banner
ރަށްރަށުން

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ފައިނަލް މެޗު މިރޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ފައިނަލް މެޗު މިރޭ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ފައިނަލް ކުޅުމަށް ތާވަލްކުރެވިފައި އޮތީ 15 އޮގަސްޓް (މިރޭ) އޭދަފުށީ ފުޓްސަލް ދަނޑުގައި އޮންނާނެއެވެ.

އަތޮޅުގެ ގަދަ ބާރު އޭދަފުށިން ވަރުގަދަ ސްކޮޑަކާއި އެކު ތުޅާދޫ އާ ދެކޮޅަށް ނުކުންނައިރު މިއީ 2025 ވަނަ އަހަރުގެ ގޯލްޑެން ފުޓްސަލް އަތޮޅު ފައިނަލަށް ފަހު، ފައިނަލެއްގައި މިދެޓީމް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

އޭދަފުށިން އެމެޗް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގެ ފައިނަލަށް އޭދަފުށީ ޓީމުން ދަތުރުކުރީ މުޙައްމަދު ފާސިރު (ފާއްޓެ) އަދި ޙުސެއިން ޝަރީފް(މުޑާ)ގެ ބޮޑު ހިއްސާއަކާ އެކީ ސެމީ ފައިނަލްގައި 1-3 އިން ދޮންފަނު ބަލިކޮށްގެންނެވެ.

ތުޅާދޫއިން ފައިނަލްގެ ޖާގަ ހޯދީ 2-3 ގެ ނަތީޖާއަކުން ގޮއިދޫ އަތުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ.

އާދިލް ޢަބްދުއްރަޙްމާން، ޙަަސަން ނާއިލް އަދި ޙައްޔާން ޙަސަން ތުޅާދޫ ޓީމްގެ ގޯލްތައް ކާމިޔާބު ކުރި މެޗުގައި ގޮއިދޫ ޓީމުން ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. މިދެޓީމް ވެސް މުބާރާތުގައި މިހާތަނަށް 2 މެޗުން މޮޅުވެ 1 މެޗުން ބަލިވެފައިވާ އިރު، އޭދަފުށިން މިހާތަނަށް 7 ގޯލް ޖަހާ 5 ގޯލް ބައި ކޮޅަށްވަނީ ވަދެފައެވެ.

ތުޅާދޫ ޓީމުން 8 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވެސް ވަނީ 8 ގޯލް ވަދެފައެވެ. ޓޮޕް ސްކޯރަރ ރޭސް ވަރަށް ވާދަވެރިކޮށް ފެނިގެންދާ މި މުބާރާތުގައި ތުޅާދޫ ޓީމުން ޢާދިލް ޢަބްދުއްރަޙްމާން، ޙަސަން ނާއިލް އަދި އީމާން އިލްޔާސް 2 ގޯލާއި އެކު ތިބި އިރު، އޭދަފުށީ ޓީމުން ޙުސައިން ޝަރީފް އަދި ޢަލީ ޝައިސް ވެސް މިހާތަނަށް ކޮންމެ ކުޅުންތެރިއަކު 2 ގޯލް ޖަހާފައިވެއެވެ. އެންމެ ފަހުން މިދެޓީމް ކުޅުނު 4 މެޗުން ވެސް އޭދަފުށި މޮޅުވެފައިވާއިރު، ތުޅާދޫ އަތުން ބަލިނުވެ އޭދަފުށިން ދަމަހައްޓަމުން މިއަންނަ ރެކޯޑް މިފަހަރު ނިމުމަކަށް ގެނެވޭ ވަރުގެ ޓީމެއް ތުޅާދޫގައި އޮތް ކަމަށް މިފަހަކަށް އައިސް އެޓީމުން ނެރޭ ނަތީޖާތަކުން ފެނިގެން ދެއެވެ.

އޭދަފުށީ ޓީމަކީ ކާމިޔާބީތަކާއި ތަޖުރިބާގެ ގޮތުން ބެލިޔަސް އަތޮޅުގެ އެންމެ ވަރުގަދަ ޓީމް ކަމަށް ވުމުން އަތޮޅު ޗެންޕިއަންކަން ހޯދުމަށް ތުޅާދޫއަށް މީ ވަރުގަދަ އިމްތިހާނަކަށް ވާނެކަން ޔަގީނެވެ.

އަތޮޅު ޗެންޕިއަން އަދި ރަނަރއަޕް ޓީމް ވެސް މުބާރާތުގެ ޒޯން ބުރަށް ކޮލިފައިވާ ގޮތަށް ކުރިޔަށްދާއިރު، ބ އަތޮޅު ޗެންޕިއަން ޓީމް ދެން ކުޅޭނީ ނ، ރ ނުވަތަ ޅ އަތޮޅުގެ ރަނަރއަޕް ޓީމަކާއެވެ. އަދި ރަނަރއަޕް ޓީމް ކުޅޭނީ ނ، ރ ނުވަތަ ޅ އަތޮޅުގެ ޗެންޕިއަން ޓީމަކާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް