Post banner
ރާއްޖެ

ފަންނީ ލަފަޔާއި މަޝްވަރާ ހޯދަން ރައީސް އޮފީހުން ކޮމިޓީތަކެއް ހަދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަންނީ ލަފަޔާއި މަޝްވަރާ ހޯދަން ރައީސް އޮފީހުން ކޮމިޓީތަކެއް ހަދަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ހޯދަން ތިން ކޮމިޓީއެއް ހެދުމަށް ނިންމައި އެކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ގޮތުގައި އަލަން އެކުލަވާލާ ތިން ކޮމިޓީއަކީވެސް އިޤުތިޞާދީ ދާއިރާއިން ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެވެ، އެކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެވެ.

މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ސަރުކާރަށް ފަންނީ ލަފަޔާއި މަޝްވަރާ ހޯދަން އިތުރު ތިން ކޮމިޓީއެއް ހަދާފައި ވާއިރު އެކޮމިޓީތައް އެކުލެވިގެންވާ ގޮތާއި މަސައްކަތްތަކާއި ގުޅޭ ތަފްސީލްތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއަހަރަކީ، ރާއްޖެއިން ބޭރުގެ ދަރަނި ދެއްކުމުގައި ގޮންޖެހުން ބޮޑު އަހަރަކަށް ވާނެކަމުގައި މާލީދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ނުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް އިތުރު ނުރައްކާތައް ކުރިމަތިވަމުން އަންނަކަމުގެ އިންޒާރުވެސް މާލީދާއިރާގެ ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް