ރިޕޯޓް

ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީސް -- ފޮޓޯ: އާސަންދަ

ކައިވެންޏަށް 8 އަހަރު ފަހުން ދިވެހި ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު، އާސަންދައިގެ ދަށުން އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުނުލެއް ލަސްވުމުގެ ސަބަބުން ދިމާވި ޞިއްޙީ އިތުރު މައްސަލަތަކުގައި ނިޔާވެއްޖެއެވެ.

އުމުރުން 11 މަހުގެ މިކުއްޖާ ނިޔާވެފައި ވަނީ، މިމަހުގެ 18 ވަނަ ދުވަހު، އިންޑިއާގެ ރާޖަގިރީ ހޮސްޕިޓަލުގައެވެ. ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެކުއްޖާ، ޑެންގޫހުންޖެހި ހާލުގޯސްވި، އެ ތުއްތުކުއްޖާ އިންޑިއާއަށް އިތުރު ފަރުވާއަށް ގެންދެވުނީ، ޑޮކްޓަރުން އެކުއްޖާ އެމާރޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެންގިތާ 8 ދުވަސް ފަހުންނެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ ކުއްޖާގެ އާއިލާއިން "ރައްޔިތުންގެ ނޫހަށް" ކިޔައިދިން ގޮތުގައި، އެކުއްޖާ އުފަންވީ 13 އޭޕްރީލް 2025 ގައެވެ. މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކުއްޖާއަށް ޑެންގޫހުން ޖެހުމާއި ހަމައަށް ކުއްޖާގެ ޞިއްޙަތު ރަނގަޅެވެ. އެކުއްޖާއަށް ޑެންގޫހުން ޖެހިގެން ފެބުރުއަރީ 5 ވަނަ ދުވަހުން ފެށިގެން ފަރުވާދެމުން އައީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށާއި، އެހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ފަރުވާ ދިނުމުގައި ޢަމަލުކުރީ ވަރަށް ރަނގަޅަށް ކަމާއި، އެމާޖެންސީގައި ކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް އަވަސް ކުރެވޭތޯ ހުޅުމާލެ ހޮސްޕިޓަލުން ވަރަށް މަސައްކަތްކޮށްދިން ކަމަށާއި، އެހެން ނަމަވެސް ޑޮކްޓަރުން ކުއްޖާ އެމާޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެންގިތާ ހަފްތާއެއް ވީއިރުވެސް ނުގެން ދެވުނީ އާސަންދައިގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަމާއި އެއާލައިން ހަމަނުޖެހި ދިގުލައިގެން ދިޔުމުން ކަމުގައި އާއިލާއިން ބުންޏެވެ.

ކުއްޖާގެ އާއިލާއިން ބުނީ، ކުއްޖާގެ ހާލުދެރަވެ އެމާޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ފެބުރުއަރީ 16ގައި ޑޮކްޓަރުން ލަފާ ދެއްވި އިރު، ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް ގެންދިޔުމަށް ކަމަށެވެ. އެގޮތަށް އާސަންދައަށް ހުށައެޅުމުން އެޅި ނަމަވެސް މަނިޕާލް ހޮސްޕިޓަލަށް ކުއްޖާ ނުގެންދެވުނީ ކުއްޖާ އިންޑިގޯއިންނާއި ސްރީލަންކަން އިން ނުގެންދެވުމުން ކަމަށެވެ. އަދި ކިމްސް ހޮސްޕިޓަލަށް ގެންދަން ރިފަރަލް ލެޓާ ހޯދުމަށް އާސަންދައިން އެންގި ކަމަށްވެސް އާއިލާއިން ބުންޏެވެ. އެހެން ނަމަވެސް ފަހުން، އަނެއްކާވެސް ޚާއްޞަ ކޭސްއެއް ވީމާ، އަމްރިތާއަށް ނުވަތަ ރާޖަގިރީ ހޮސްޕިޓަލަށް އާސަންދަ ހަމަޖައްސައިދޭނެ ކަން އެނގުމަށްފަހު އަނެއްކާ އަލުން ކިމްސްއަށް ދިޔުމަށް ލިޔުންތައް ތައްޔާރު ކުރުމަށް އެނގި ކަމަށެވެ. އަނެއްކާވެސް އޭގެ އެއް ދުވަސްފަހުން ރާޖަގިރީ ހޮސްޕިޓަލަށް އާސަންދަ ހަމަޖެއްސުމަށް ލިޔުންތައް ހުށައެޅުމަށް އެންގި ކަމަށާއި، ރާޖަގިރި ހޮސްޕިޓަލުން އާސަންދަ ލިބޭ ގޮތް ހަމަޖެއްސުން ލަސްވެގެން ދިޔައީ އިދާރީ މައްސަލަތަކެއްގެ ސަބަބުން ކަމުގައި އާސަންދަ ކުންފުނިން ބުނެފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ، ފޮނުވާނެ ހޮސްޕިޓަލެއް ނުނިމިގެން އުޅުނު އިރު، ކުއްޖާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެއާލައިނެއް ހަމަޖެއްސުމުގައިވެސް އެތައް ވަގުތެއް ބޭކާރުވި ކަމަށެވެ. އެންމެ ފުރަތަމަ އިންޑިގޯ އާއި ސްރީލަންކަން އެއާލައިން މެދުވެރިކޮށް ކުއްޖާ ގެންދިޔުމަށް މަސައްކަތް ކުރި އިރު، އިންޑިގޯގައި ދިމާވީ، އޮކްސިޖަންގައި ކުއްޖާ ގެންދެވެން ނެތުން ކަމަށާއި ސްރީލަންކަން އެއާލައިންގައި ކުއްޖާ ނުގެންދެވުނީ، އެއާލައިނުން އޮޕަރޭޓް ކުރާ ފްލައިޓްގައި ކުޑަކުދިންގެ އޮކްސިޖަން މާސްކު ނެތުމުން އަދި ހުޅުމާލެ ހޮސްޕިޓަލުން އޮކްސިޖަން މާސްކު ހަމަޖައްސައިދޭނެ ކަމަށް ބުނުމުން އެއާލައިނުން އެހުށައެޅުން ޤަބޫލު ނުކުރުމުން ކަމަށެވެ. އަދި ސްރީލަންކަން އިންޑިއާއަށް ދަނީ ޓްރާންސިޓްކޮށްފައި ކަމުގައި ވާތީ މަނިޕާލްހޮސްޕިޓަލަށް ކުއްޖާ ގެންދެވޭނެ ގޮތް ނުވީ ކަމުގައިވެސް އާއިލާއން ބުންޏެވެ.

އާއިލާއިން ބުނީ، ޤައުމީ އެއާލައިން މޯލްޑިވިއަންގައި ކުއްޖާ ގެންދެވޭނެ ގޮތެއް ނުފެނިވެސް އެތައް ވަގުތެއް ބޭކާރުވެގެން ދިޔަ ކަމަށެވެ. މިގޮތުން މޯލްޑިވިއަންއިން އެންމެ ފުރަތަމަ ބުނީ، ކުއްޖާ ސްޓްރެޗާގައި ނުގެންދެވޭނެ ކަމަށް ކަމަށާއި، ގެންދަން ޖެހޭނީ އުނގުގައި ބާއްވައިގެން ކަމަށެވެ. އެހެން ނަމަވެސް އޭރު ކުއްޖާގެ ހާލު އޮތީ އުނގުގައި ބޭއްވޭ ވަރަށް ގޯސްކޮށް ކަމަށާއި އޭރު ކުއްޖާގެ ބަނޑުގައި ވަރަށް ބޮޑަށް ފެން ހެދިފައިވާކަން އާއިލާއިން ފާހަގަކުރިއެވެ.

އެންމެފަހުން މޯލްޑިވިއަންއިން އެއްބަސްވީ، ނިއޯނޭޓަލް އައިސީޔޫގައި ކުޑަކުދިން ބާއްވާ، ޕޮޓެއްގައި ކުއްޖާ ބާއްވައި ސްޓްރެޗަރގައި ބެލްޓު އަޅައިގެން ގެންދިޔުމަށްކަމުގައި އާއިލާއިން ބުންޏެވެ.

އާސަންދައިގެ އިދާރީ ކަންކަމާއި އެއާލައިންގެ ކަންކަން ހަމަޖެހިގެން އެންމެ ފަހުން ކުއްޖާ އިންޑިއާގެ ރާޖަގިރީ ހޮސްޕިޓަލަށް ގެންދެވުނީ، ކުއްޖާ އެމާޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދެއްވިތާ 8 ދުވަސް ފަހުން ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުގައި ކަމަށް އާއިލާއިން ބުންޏެވެ.

ކުއްޖާގެ އާއިލާއިން ބުނީ، ކުއްޖާ އެ ހޮސްޕިޓަލަށް ގެނައުން ވަރަށް ބޮޑަށް ލަސްވެފައިވާކަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ކުއްޖާގެ އެތެރެހަށީގެ ގުނަވަންތައް ފޭލްވެ 4 ފަހަރަށް ޑަޔަލަސިސްވެސް ހެދިކަމަށާއި ލިވަރ ޓްރާންސްޕްލާންޓްވެސް ހެދިކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ ކުއްޖާގެ ބައްޕަގެ ލިވަރއިން އެތިކޮޅެއް ނަގައި ކުއްޖާގެ ލިވަރ ޓްރާންސްޕްލާންޓް ހެދީ، މިމާރިޗު މަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ޑެންގޫޖެހި ކުއްޖާއަށް ދިމާވި ޞިއްޙީ މައްސަލަތަކާއި ގުޅިގެން ކުއްޖާ ނިޔާވީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ.

އާއިލާއިން މައުލޫމާތު ޙިއްޞާކުރަމުން ބުނީ އާސަންދައިގެ ޕްރޮސެސްތައް ދިގުވުމާއި އެއާލައިން ހަމަނުޖެހި ދުވަސްތައް ދިޔުމަކީ ކުއްޖާގެ ފުރާނަ ގެއްލުނު ސަބަބުކަމުގައި ދެކޭ ކަމަށާއި، އެވާހަކަ މީޑިއާއާ ޙިއްޞާކުރުމުގެ ބޭނުމަކީ، ރާއްޖޭގެ ޞިއްޙީޚިދުމަތުގައި ހުރި އިދާރީ މައްސަލަތަކާއި ލޮޖިސްޓިކް މައްސަލަތައް ފާހަގަކުރުން ކަމަށެވެ.

މިސަރުކާރުގައި އެއާ އެމްބިއުލާންސްގައި ރާއްޖެއިން ބޭރަށްވެސް ބަލިމީހުން އުފުލައިދޭނެކަަމަށް ބުނެފައި ވާއިރު، އާސަންދައިގެ ދަށުން އެއާ އެމްބިއުލާންސް ހަމަޖައްސައިގެން ކުއްޖާ ނުގެންދިޔަ ސަބަބަކާއި މެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

އެޑިޓަރުގެ ނޯޓް: (މިހާދިސާގައި ނިޔާވި ތުއްތު ކުއްޖާ އާއި އެކުއްޖާގެ މައިންބަފައިންގެ ވަނަވަރު ހިމަނާފައި ނުވަނީ، ނަމާއި ފޮޓޯ އާއި ޒާތީ މައުލޫމާތު ހާމަކުރުމަށް އެ އާއިލާއިން ބޭނުން ނުވާތީއެވެ. މީގެ އިތުރުން، މި އާޓިކަލްގައި ކުރިން ބޭނުންކޮށްފައިވާ، އެއާ އެމްބިއުލާންސްގެ ފޮޓޯ ރިމޫވްކޮށްފައި ވަނީ، އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ވަކި ޚިދުމަތަކަށްފައި ކުއްޖާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެއާ އެމްބިއުލާންސްގެ ސަރވިސް ހޯދުމަށް އެދިފައި ނުވާތީ، މިކަމުގައި އެތަނުގެ ދައުރެއް ނެތުމާއިއެކު ފޮޓޯ ރިމޫވްކޮށްދިނުމަށް އެދިފައި ވާތީއެވެ.)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ތައްހާނު 1 week ago

އާސަންދަ ހަރަދު ކުޑަކުރިީ ރައްޔަތުންގެ ހައްގަށް އިހުމާލުވެގެން. ނަތީޖާަ މިފެންނަނިީ