ވިކުރާ

ޓެކްސީ ނަފާ ލޯނު: ކާރުގަންނަން އަމިއްލަ ކުންފުންޏަކަށް ދިން ފައިސާ ނުހޯދައި ދޫކުރި ލޯނުތައް ކެންސަލްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޓެކްސީ ނަފާ ލޯނު: ކާރުގަންނަން އަމިއްލަ ކުންފުންޏަކަށް ދިން ފައިސާ ނުހޯދައި ދޫކުރި ލޯނުތައް ކެންސަލްކޮށްފި

ހުޅުމާލެ މަގުމަތި ---

އެސްޑީއެފްސީއިން ދޫކުރި ޓެކްސީ ނަފާ ލޯނުގެ ދަށުން، ލޯން ލިބުނު ފަރާތްތަކަށް ދޫކުރި ލޯންތައް ކެންސަލްކުރިކަން އެލޯނު ލިބުނު ބައެއް ފަރާތްތަކަށް އަންގައިފިއެވެ.

ޓެކްސީ ނަފާ ލޯނަކީ، އެސްޑީއެފްސީން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ތަޢާރަފްކުރި ލޯނެކެވެ. މިލޯނުގެ ދަށުން ޓެކްސީ ކުރުމަށް ކާރު ހޯދަން ބޭނުންވާ ފަރާތްތަކަށް 3 ލައްކަ ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރިއެވެ.

މިލޯނަކީ، އެމްޑީޕީ ސަރުކާރުގެ ސިޔާސަތެއްގެ ތެރެއިން ފެށި ސްކީމެއް ނަމަވެސް، މިސްކީމުގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް ކަނޑައަޅައި ކާރުގަތުމަށް ލޯނުފައިސާ ދޫކުރަން ފަށާފައި ވަނީ، ވެރިކަން ބަދަލުވުމަށް ފަހުގައި މިސަރުކާރުންނެވެ. މިގޮތުން ޓެކްސީ ނަފާ ލޯނު ލިބު ފަރާތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެސްޑީއެފްސީ ކާރުތައް ގަތުމަށް ހަވާލުކުރީ، ކާރއެމްވީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިގޮތުން ކާރުގަތުމަށް ޓެކްސީ ނަފާގެ ލޯނު ފައިސާއަށްވާ 299.000ރ (ދެލައްކަ ނުވަދިހަ ނުވަހާސް ރުފިޔާ) އެސްޑީއެފްސީ ކާރުގަތުމަށް ކާރ އެމްވީއަށް ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގައެވެ.

ރައްޔިތުންގެ ނޫހާއި މައުލޫމާތު ޙިއްޞާކުރި ފަރާތަކާއި ކާރއެމްވީ ހަދާފައިވާ އެގްރިމެންޓްއިންވެސް އެނގޭ ގޮތުގައި، އެސްޑީއެފްސީ، ލޯނު ފައިސާ ވަނީ އެކީ އެއްފަހަރާ ކާރއެމްވީއަށް ހަވާލުކޮށްފައެވެ. އެެހެން ނަމަވެސް، ޓެކްސީ ނަފާލޯނު ލިބުނު މީހުންނަށް، ކާރުވެސް ނުލިބި އަދި ލޯނުފައިސާވެސް ނުލިބި، އެލޯނު އަނބުރާ ދައްކަން ޖެހުމާއި ގުޅިގެން ލޯނު ހަމަޖެހުނު ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާތައް ކޮށްފައެވެ.

ޓެކްސީ ނަފާލޯނުގެ ތެރެއިން، އެސްޑީއެފްސީއިން ލޯނުފައިސާ ކާރއެމްވީއަށް ދިނުމަށްފަހު، ކާރު ނުލިބުނު މައްސަލައިގައި އެކުންފުންޏަށް ދިން ފައިސާ އަނބުރާ ނުހޯދައި އެފްޑީއެސްސީއިން މިހާރު ވަނީ، ޓެކްސީ ނަފާ ލޯނު ހަމަޖެހި، ކާރު ނުލިބުނު މީހުންގެ ލޯން އެގްރިމެންޓްތައް ބާޠިލްކުރިކަން އަންގާފައެވެ.

"ދެ އަހަރު ފަހުން، މިބުނަނީ، މިހާރު ގުޅާފައި އެބުނީ ލޯނުތައް ކެންސަލްކޮށްފީމޭ. ކީއްވެހޭ ސުވާލު ކުރީމާ ބުނީ އެކޮޅުން ނިންމިގޮތޭ. އަހަރެމެންނަށް ދިން ލޯނުގެ ފައިސާ އެހެން ބަޔަކަށް ދީފައި، ލޯނު ކެންސަލްކުރީމާ ހުރިހާ މޮޅެއް މިވީ ކާރއެމްވީއަކަށް ނޫންތަ؟" ރައްޔިތުންގެ ނޫހާއި ވާހަކަ ދެއްކި ޓެކްސީ ނަފާލޯނު ލިބުނު މީހަކު ބުންޏެވެ.

އެސްޑީއެފްސީ ދޫކުރި ޓެކްސީ ނަފާލޯނު ހަމަޖެހުނު 10 ވަރަކަށް މީހުންނަށް، ލޯނު ފައިސާވެސް އަދި ކާރުވެސް ނުލިބުނެވެ. އެކަމާއި ގުޅިގެން އެފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެކްސީ ނަފާ ލޯނުގެ ތެރެއިން ލޯނު ހަމަޖެހުނު ފަރާތްތަކަށް ކާރުގަންނަން، އެސްޑީއެފްސީން ކާރ އެމްވީއަށް ދޫކުރި ލޯނު ފައިސާ އަނބުރާ އެކުންފުނިން ހޯދިކަން ނުވަތަ ނޫންކަން އެކުންފުންޏަކުން ހާމައެއް ނުކުރެއެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެކުންފުނީގެ ޖަވާބެއްވެސް ނުލިބުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް