Post banner
ރަށްރަށުން

ހަނިމާދޫގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ހަރުކުރުމާއި ގުޅޭގޮތުން ހިޔާލަށް ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ހަރުކުރުމާއި ގުޅޭގޮތުން ހިޔާލަށް ހުޅުވާލައިފި

ހަނިމާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް / ރައްޔިތުންގެ ނޫސް

ހދ. ހަނިމާދޫގެ ހުރިހާ ގޭބީސީއެއްގައި ސޯލަރ ޕެނަލް ހަރުކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، އެ މަޝްރޫއަށް ރައްޔިތުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން ކުރިއަށްދާ 'ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ' ދަށުން ފަށާފައިވާ "މަގޭ ފުރާޅު" މަޝްރޫއާ ގުޅިގެން ރައްޔިތުންގެ އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތް ނަމަ ހުށައެޅުމަށް ހަނިމާދޫ ކައުންސިލުން ވަނީ އެދިފައެވެ.

ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުއާ މެދު ހިޔާލު ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮންލައިން ފޯމެއް މެދުވެރިކޮށް 17 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ  13:00 ގެ ނިޔަލަށެވެ.

ކައުންސިލުން މި މަޝްރޫއުއާއި ގުޅިގެން ޝާޢިރުކޮށްފައިވާ އުސޫލުގައި ސޯލާ ސިސްޓަމްތަކުގެގެ މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.

  • ކެޓަގަރީ 1 (އާދައިގެ ގޭގޭގެ ސިސްޓަމް) : 1 ކިލޯ ވޯލްޓްގެ ސޯލާ ޕީވީ ސިސްޓަމްއިން ފެށިގެން 5 ވޯލްޓާއި ދެމެދުގެ ގޭބީސީތަކަށް

  • ކެޓަގަރީ 2 (މެދު ސައިޒްގެ އާއިލާތަކަށް ހާއްސަ) : 5 ކިލޯ ވޯލްޓްގެ ސޯލާ ޕީވީ ސިސްޓަމްއިން ފެށިގެން 8 ވޯލްޓާއި ދެމެދުގެ ގޭބީސީތަކަށް

  • ކެޓަގަރީ 1 (ބޮޑެތި އިމާރާތާއި ގޭގެއަށް ހާއްސަ) : 8 ކިލޯ ވޯލްޓްގެ ސޯލާ ޕީވީ ސިސްޓަމްއިން ފެށިގެން 20 ވޯލްޓާއި ދެމެދުގެ ގޭބީސީތަކަށް

ރައްޔިތުންގެ ނޫހަށް އިތުރު މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވީ ހަނިމާދޫގައި އިރުގެ އަލިން ކަރަންޓު އުފެއްދުމާއި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގެދޮރުގެ ފުރާޅުތައް ބޭނުންކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި މަޝްރޫއުއަކީ ހަނިމާދޫގެ އައު ކައުންސިލުން އެ ރަށަށް ގެނެސްދޭ އިންގިލާބީ ހެޔޮ ބަދަލެއް ކަމަށެވެ.

ފިރާޤް އިތުރަށް ވިދާޅުވީ މި މަޝްރޫއުއަކީ ރައްޔިތުންނަށް ލުއިފަސޭހަ މާލީ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން 'ސްމާޓް އައިލެންޑް ޕްރޮޖެކްޓް' ގެ ދަށުން ފަށާފައިވާ މުހިއްމު މަޝްރޫއުއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގޭބީސީތަކުގައި ގާއިމްވާނެކަމަށް ފިރާޤް ފާހަގަކުރެއްވިއެވެ.

އަދި މި މަޝްރޫއުގެ ދަށުން ރަށުގެ ރައްޔިތުންނަށް ކަރަންޓު ބިލުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފިރާޤް ވިދާޅުވިއެވެ.

ރައްޔިތުންގެ ނޫހަށް ކުރިން ދެއްވި ބަސްދީގަތުމެއްގައި ފިރާޤް ވިދާޅުވީ ހަނިމާދޫގައި 500 އަށް ވުރެއް ގިނަ ގޭބީސީ ހުންނައިރު، އެ ރަށުގެ ހުރިހާ ގޭބީސީއެއްގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުއަށް ޖުމްލަ 10 މިލިއަނެއްހައި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން، މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކައުންސިލުން ނިންމާފައިވަނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށް ވެސް ފިރާޤް ވިދާޅުވިއެވެ.

ޚަބަރު ލިޔުނީ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް