ކުރަފި ޕާޓީގެ މުޒާހަރާތައް ދިއްލީގައި ވަރުގަދަ ވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންޑިއާގެ ޒުވާނަކު، އޮންލައިން ޕްލެޓް ފޯމްތަކުގައި ފެށި ކުރަފި ޕާޓީގެ ހަރަކާތްތައް ވަރުގަދަވެ ދިއްލީގައި ފުރަތަމަ މުޒާހަރާ ފަށައިފިއެވެ.
މި މުޒާހަރާގައި، އޮންލައިން ޕްލެޓް ފޯމްތަކުގައި "ކޮކްރޯޗް ޖަންތާ ޕާޓީ" އުފެއްދި، އަބީޖިތު ދިޕްކޭ ވަނީ ބައިވެރިވެފައެވެ. މި މުޒާހަރާއަކީ، އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ބާއްވާ މުޒާހަރާއެކެވެ. މި މުޒާހަރާ ކުރިޔަށް ދަނީ، ދިއްލީގެ ޖަންތަރް މަންތަރް މައިދާނުގައެވެ.
އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލާފައި ވަނީ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާއި، އިމްތިހާނުތަކުގެ ފެންވަރާއި މެދު ސުވާލުތައް އުފެދިފައިވުމާއި، ތަޢުލީމީ ދާއިރާގެ ތެރޭގައި ހިނގާ ކޮރަޕްޝަންތަކާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.
މުޒާހަރާ ފަށާފައި ވަނީ، އިންޑިއާގެ ރަސްމީ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންނެވެ. އެހެން ނަމަވެސް މި މުޒާހަރާގެ ތެެރެއިން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަމުން ރިޕޯޓްކޮށްފައި ވެއެވެ.
"ކޮކްރޯޗް ޖަންތާ ޕާޓީ"އަކީ، އިންޑިއާގެ ސިޔާސީ މީހުން، އެޤައުމުގެ ވަޒީފާ ނެތް ޒުވާނުންނަކީ، ކުރަފިތަކެއް ކަމުގައި ބުނެ ދެއްކި ވާހަކައަށް ރައްދުދީ އަބީޖިތު ފެށި އޮންލައިން ހަރަކާތެކެވެ. އެ ހަރަކާތުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް އިންޑިއާ ސަރުކާރުން ބްލޮކްކުރިއެވެ. ހަމައެކަނި އިންސްޓަރ ގްރާމްގައިވެސް 22 މިލިއަނަށް ވުރެ ގިނަ މީހުން، އެޕާޓީ ފޮލޯކޮށްފައި ވާއިރު، އިންޑިއާގެ ޒުވާނުންގެ މެދުގައި ވަނީ ރޫޙް ވަރުގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް